ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ، ހިދުމަތުގައި ތިބިހާ ހިނދަކު، ފުލުހުންނަށާއި ސިފައިންނަށާއި ފަނޑިޔާރުންނަށް އަދި އެ މީހުންގެ އާއިލާ އަށް ދައުލަތުގެ ހަރަދުގައި ހިލޭ ދިރިއުޅެވޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ވައުދުވެވަޑައިގެންފިއެވެ.

އުފަން ރަށް މާމިގިލީގައި ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި އެ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، އަޑު އިވިވަޑައިގަންނަވަނީ ފުލުހުންނަށާއި ސިފައިންނަށް ފްލެޓްތައް އަޅައިދީ އެ މީހުންގެ ބޯހިޔާވަހިކަން ހައްލުކޮށްދޭނެ ކަމަށް ސަރުކާރުން ބުނާ ވާހަކަ ކަމަށާއި، ނަމަވެސް ފުލުހުންނާއި ސިފައިންގެ ބޯހިޔާވަހިކަން ހަމަޖެހިފައިވާ މަންޒަރު ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުން އޭނާ އިންތިހާބުކޮށްފި ނަމަ، ފުލުހުންނަށާއި ސިފައިންނަށާއި ފަނޑިޔާރުންގެ އިތުރުން އެ މީހުންގެ އާއިލާ އަށް ދައުލަތުގެ ހަރަދުގައި އެ މީހުން ތިބި ތަނެއްގައި ދިރިއުޅުވޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ސިފައިންގެ އެކޮމޮޑޭޝަންގެ ވާހަކަ ވަކިން ގެންނަވައި ގާސިމް ވިދާޅުވީ، އޭނާގެ ވިސްނުމަކީ ބަންޑާރަކޮށިން ބައެއް ހުސްކޮށް އެ ސަރަހައްދުގައި 15 ބުރި އިމާރާތެއް އަޅާ، އެ ތަނުގައި ސިފައިންނަށާއި ސިފައިންގެ އާއިލާ އަށް ހިލޭ ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި ދެއްވުން ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ގާސިމްގެ މެނިފެސްޓޯ ވަނީ ރަސްމީކޮށް ލޯންޗު ކޮށްފައެވެ. ގާސިމްގެ މެނިފެސްޓޯގައިވާ ގޮތުން، އޭނާ ވެރިކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ، ސިފައިންނާއި ފުލުހުންގެ ނުނިމި ހުރި ފްލެޓުތަކުގެ މަސައްކަތްތައް ނިންމައި، ދައުރުގެ ފުރަތަމަ އަހަރު ހަވާލު ކުރައްވާނެ ކަމަށް ވައުދު ވެވަޑައިގެންފައި ވެއެވެ. އޭގެ އިތުރުން ފުލުހުންނާއި ސިފައިންނަށް އިތުރު 1،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ތައާރަފްކޮށް، ތިން އަހަރު ތެރޭގައި ނިންމައި ހަވާލު ކުރައްވާނެ ކަމަށް ވެސް ގާސިމްގެ މެނިފެސްޓޯގައި ވެއެވެ.