ސިޔާސީ ވާދަވެރިންގެ ތެެރެއިން އެއްބަޔަކު ކުރާކަމަކީ ޒާތީގޮތުން ވާހަކަ ދެއްކުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރޭ އެ އަތޮޅު މަނަދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހް ވިދާޅުވީ ކޮންމެ އިންތިހާބަކަށް ކުރިމަތިލާއިރު ވެސް އެމްޑީޕީއިން މެނިފެސްޓޯއެއް އެކުލަވާލައި ވައުދުތަކެއް ވާ ކަމަށާއި އެ ވައުދުތައް ފުއްދަމުން ވެސް ދާ ކަމަށެވެ. ސިޔާސީ ވާދަވެރިންގެ ސިޔާސަތުތައް ފެންނަމުން ދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއްބަޔަކު ކުރަމުންދާ ކަމަކީ ޒާތީ ގޮތުން ވާހަކަ ދެއްކުން ކަމަށެވެ. އަދި އެ ނޫން ކަމެއް ނެތް ކަމަށެވެ.
މީގެ އިތުރަށް ބައެއް ސިޔާސީ ލީޑަރުންގެ ވާހަކަތަކަކީ ބަދަލުވާ އެއްޗެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ތިމާ ހެނދުނު ހޭލާއިރުގައި ސިކުނޑީގައި ހުރި އެއްޗެއް އެ ވަގުތަކު ބުނެލަނީ ކަމަށާއި ހަވީރުވެގެން އަންނައިރުގައި އެ ވާހަކަ މުޅިން އެހެން ވާހަކައަކަށް ބަދަލުވާއިރު އަދި ރޭގަނޑުވުމުން ދައްކަނީ މުޅިން އެހެން ވާހަކައެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ހުވަފެނުގައި ފެންނަ ކަންތައްތައް ހަގީގަތަކަށް ހަދަންޏާ ފުރަތަމަ ޖެހޭނީ ނިދިން ހޭލަން ކަމަށެވެ. ކަން ކުރެވޭނީ ނިދިން ހޭލުމަށްފަހުގައި ކަމަށެވެ. ބައެއް ކެންޑިޑޭޓުން ވައުދުވަނީ ކޮށްފައި ހުރި ކަންކަން ކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި އާބާދީ ބޮޑެތި ރަށްތައް ތަރައްގީ ކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވުމުން އެކަމަށް ރިއާޔަތް ކުރައްވައި ރައީސް ވިދާޅުވެފައި ވަނީ ރައީސް ސޯލިހްގެ ސަރުކާރުގައި ހުރި ތަފާތަކީ އެއީ ކަމަށެވެ. ގައުމު ކުރި ނާރާ އޮތީ ބޮޑެތި ރަށްރަށުގައި އެކަނި މަޝްރޫއުތައް ހިންގަމުން ދިއުމުން ކަމަށާއި ރައީސް ސޯލިހް ކަންކަން ކޮށްދެއްވަނީ އާބާދީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ބެއްލެވުމެއް ނެތި ކަމަށް ވަނީ ވިދާޅުވެފައެވެ.
މުއިއްޒު އިއްޔެ ވިދާޅުވީ އޭނާގެ ސިޔާސަތަކީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ސިޔާސަތު ކަމަށެވެ.