ކ.ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓުގައި އަލިފާން ރޯވީ ޝިޕްރެކަކަށް ހަދަން އެ ބޯޓު ކަފަން އުޅެނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ތިލަފުށި ފަޅުތެރޭގައި އޮތް ބާ ބޯޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ މިއަދު 15:53 ހާއިރު ނިއްވާލައިފައިވާ ކަމަށެވެ. އަދި އެ ބޯޓުގައި ރޯވީ ބޯޓު ޝިޕްރެކަކަށް ހެދުމަށް ބޯޓު ކެފުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 12:07 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާކަމަށެވެ.

ދޭތެރެ ދޭތެރެއިން މިފަދަ އަލިފާނުގެ ހާދިސާތައް ހިނގައި މީހުންނަށާއި މުދަލަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ. އެގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކ. ހިންމަފުށީގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ، އެ ދޯނި ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.