ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމު "ޖޯކަރު" ގެ އޮފިޝަލް ޕޯސްޓަރު އަދި ޓްރެއިލާ ރިލީޒް ކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާއެއްގައި ފިލްމުގެ ޓްރެއިލާ އަދި ޕޯސްޓަރު ރިލީޒް ކޮށްދިނީ ޑައިރެކްޓަރު/އެކްޓަރު އަހްމަދު ނިމާލެވެ. ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ކޮމެޑީ ޖޯންރާ އަށް ގެނެސްދޭ ފިލްމެކެވެ. އެރޭ ބޭއްވި ހަފްލާގައި ވަނީ ފިލްމުގައި އެކި ގޮތްގޮތުން މަސައްކަތް ކޮށްދިން ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ.

މި ފިލްމަކީ އަންނަ މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު މި ފިލްމު ގެނެސްދޭއިރު ފިލްމުގައި ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވާ ތަރިންގެ އިތުރުން ފިލްމީ ދާއިރާގައި ތަޖުރިބާކާރު ތަރިންވެސް ހިމެނެއެވެ. "ޖޯކަރު" އިން ފެނިގެންދާނެ ތަރިންނަކީ އަހްމަދު ނިމާލު، ޝިލާ ނަޖީބް، އަލީ އާޒިމް (ދޮން އައްޔަ)، ނާޝިދާ މުހައްމަދު (ނާއްކޮ) އަހްމަދު ސަޢީދު، ހަމްދާން ފާރޫގު، އިބްރާހިމް ރަޝީދު މޫސާ (ބުރޯ)، މުހައްމަދު އީމާއު (ހަބޭސް އީމާއު)، ރިފްޝާން، އަލީފް އަދި ޝަހީދާ މުހައްމަދެވެ.

މާލެ އޭރިއާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ޝިވާޒް އަބްދުﷲ (މާސްކޭ) ކެމެރާ ކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ބެކް މިއުޒިކް ހަދާފައިވަނީ އައްޔުމަން ޝަރީފެވެ. ޝައި ޕްރޮޑަކްޝަން ކުންފުނީގެ ފިލްމުތަކަކީ އާންމުކޮށް ވަރަށް ވަރުގަދަ ޓެގްލައިން ތަކާއެކު ޓްރެއިލާ ދައްކާލާ ފިލްމުތަކެކެވެ. އެގޮތުން މިފަހަރު އެމީހުން ގެނެސްދޭ "ޖޯކަރު" ގެ ޓެގްލައިން އަކީ "ލާފް މޯ، ވޮރީ ލެސް" އެވެ.

"ޖޯކަރު" ގެ ޓިކެޓް މި މަހު 30 އިން ފެށިގެން އޮލިމްޕަސް ކައުންޓަރުން ވިއްކަން ފަށާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. ޔޫއްޕެގެ ޖޯކަރު އަންނަ މަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ތާވަލް ކޮށްފައި ވާއިރު އަންނަ އޮކްޓޯބަރު މަހު ޔޫއްޕެ އެކްޓްކޮށް، ޑައިރެކްޓްކުރި ފިލްމު "ކަޅަކި" ވެސް އޮލިމްޕަހަށް ގެންނަން ވަނީ ތާވަލް ކޮށްފައެވެ. މިހާރު އޮލިމްޕަސް ސިނަމާގައި ދައްކަމުން އަންނަނީ އައިފިލްމްސްގެ ވަރުގަދަ ފިލްމު "ނީނާ" އެވެ. އިލްޔާސް ވަހީދު (އިއްލެ) ގެ ޑައިރެކްޝަނަކަށް އުފައްދާފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ ނުޒުހަތު ޝުއައިބު، ޝަރަފް އަބްދުﷲ އެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އޮލިމްޕަސް ސިނަމާ މިއަހަރު ހުޅުވުމާއެކު ފުލުފުލުގައި ދިވެހި ފިލްމުތައް ރިލީޒް ކުރަން އަންނަނީ ތާވަލް ކުރަމުންނެވެ. މިއަހަރު ވެގެންދާނީ ދިވެހި ފިލްމު އިންޑަސްޓްރީ ތިޔާގި އަހަރަކަށެވެ.