ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިިނގިއްޔަށް ވަޑައިގަތުމާ ދިމާކޮށް އެރަށުގައި ހަމަނުޖެހުން ހިންގި މީހުންނަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އެ ރަށު ކައުންސިލުން އެކަން ކުށްވެރި ކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ކައުންސިލްގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ރައީސް ސޯލިހް މީގެ ކުރިން 2018 ގައި ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުފުޅުތައްވެސް ފުއްދާދީފައި ނުވާ ކަަމަށާއި މި ސަރުކާރުން އެ ރަށާމެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް އެ ރަށަށް ވަޑައިގެންނެވިއިރު އެ ރަށުގެ ބައެއް ރައްޔިތުން ބަނދަރު ސަރަހައްދުގެ އިތުރުން ޕީޕީއެމް މައި ޖަގަހައިގައި އަޑު އުފުލަން ތިބި ކަމަށާއި އަދި އެ މީހުންނަށް ފުލުހުންނާއި ސިފައިން އެކިވަރުގެ އަނިޔާކޮށް ބައެއް މީހުން ހައްޔަރުކޮށް އިއްޔެ ހިންގި ލާ އިންސާނީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އެ ބަޔާނުގައި ވެއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނޫ އަސާސީގެ ދަށުން އާންމު ރައްޔިތުންނަށް ލިބިދީފައިވާ ހައްގެއްކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ ރައްޔިތުން އަޑުއުފުލަމުން ދިޔައީ ސަލާމަތީ ބާރުތަކުން ރައްޔިތުން ތިބެން ހުއްދަދިން ހިސާބުގައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ އެ ހައްގަށް ސަލާމަތީ ބާރުތަކުން އަރައިގެން އެ ހިންގި އަމަލަކީ ކައުންސިލުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
"ގާނޫނު އަސާސީން ހިމާޔަތް ކޮށް ގާނޫނު ހިފަހައްޓާ ނަގަހައްޓަން ހަވާލުވެ ތިއްބެވި ބަޔަކު މި ހިންގި އަމަލު އިތުރަށް ތަކުރާރު ނުކުރުމަށާއި ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން ގާނޫނުގެ ތަރަހައިގެ ތެރެއިން އަޑުއުފުލުމަށް ބާއްވާ މިފަދަ އެއްވުންތަކުގައި ބައިވެރިވާ ރައްޔިތުންނަށް އަނިޔާ ނުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަން" އިތުރަށް ބަޔާނުގައި ބުނެފައި ވެއެވެ.
އިއްޔެ ހަވީރު ރައީސް ވިލިގިނއްޔަށް ވަޑައިގަތުމާ ދިމާކޮށް އެ ރަށު އިދިކޮޅު ސަޕޯޓަރުން ވަނީ ފާލަމުގެ ހުޅަނގު ފަރާތަށް އެއްވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ވަޑައިގެންނެވުމުގެ ކުރިން ފުލުހުން ދަމާފައިވާ ޓޭޕުތައް ކަނޑާލަައި އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ކުރިއަށް ޖެހެން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެމީހުން ފަހަތަށް ޖައްސާފައެވެ. އަދި ހަމަނުޖެހުން އިތުރުވެ އިދިކޮޅު ބައެއް ފަރާތްތަކުން ފުލުހުންނާ ދިމާއަށް ގާ އުކާފައި ވާއިރު އެ ހަމަނުޖެހުމުގެ ތެރެއިން ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފައިވެސް ވެއެވެ. އިދިކޮޅު ސަޕޯޓަރުން ރައީސް ސޯލިހްގެ އިސްތިއުފާ އަށް ގޮވަމުން ދިޔައިރު ރައީސްގެ ސަޕޯޓަރުން "އިބޫ އެއްބުރުން" ހޮވާނެ ކަމަށް ގޮވަމުން ދިޔައެވެ.
ވިލިގިނއްޔަކީ މީގެ ކުރިން ރައީސް މައުމޫނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ގިނަ އަދަދަކަށް ތިބި ރަށެއް ނަމަވެސް މިފަހުން ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިހާބު ތަކުގައި ވިލިނގިލި ވެފައިވަނީ ދެކުނުގެ އަތޮޅުތަކުގައި އެމްޑީޕީއަށް އެންމެ ތާއީދު ބޮޑު އެއް ރަށުގެ ގޮތުގައެވެ.
ކޮބާ ފޮނިކަނޑާ އެހް އާރ ސީ އެމް ؟