ނ. އަތޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕެއިން ދަތުރުފުޅާ ދިމާކޮށް އެ އަތޮޅުގެ ވެލިދޫގައި ޖޫނިއާ ކޮލެޖު އިމާރާތްކުރުމަށާއި، އެ ރަށް ކައިރީގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފިއެވެ.
ވެލިދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކުރައްވާނެ ކަމަށާއި އެ ރަށުގެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު، އޭރު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދު ހޯއްދެވުމުގެ ގޮތުން އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ވެލިދޫގެ ޖޫނިއާ ކޮލެޖު އިމާރާތްކުރުމަށް އެމްޓީސީސީ އާ ހަވާލުކުރި އެއްބަސްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އިބްރާހީމް ހަސަނެވެ. އަދި ވެލިދޫ ކައިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ދެ އެއްބަސްވުމުގައި ވެސް އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މި ދެ މަޝްރޫއާ ގުޅޭ ގޮތުން އެމްޓީސީސީން ބުނީ:
- ވެލިދޫގައި ޖޫނިއާ ކޮލެޖު އިމާރާތްކުރުމުގެ ސަބަބުން އެ ރަށުގެ އުފެއްދުންތެރިކަން އިތުރުވެ، ތައުލީމީ ޒުވާން ޖީލެއް އުފެދިގެން ދާނެ ކަމަށް
- ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރެވުމުގެ ސަބަބުން ވެލިދޫގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް
ދެ މަޝްރޫއުގެ ކުޑަ ތަފްސީލެއް
މީގެ ތެރެއިން، ވެލިދޫގައި އިމާރާތްކުރާ ޖޫނިއާ ކޮލެޖުގެ މަޝްރޫއުގެ ދަށުން، 10،276 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ކްލާސްރޫމާއި، އައިޓީ ލެބަކާއި، ކުތުބުހާނާ އަކާއި ދެ ވޯކްޝޮޕް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕިކްނިކް އައިލެންޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 61،200 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 412 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓުގެ މަސައްކަތް ކުރާނެއެވެ.
ސަރުކާރުން އެމްޓީސީސީ އަށް ވެލިދޫގެ ޖޫނިއާ ކޮލެޖު އިމާރާތްކުރުމުގެ މަޝްރޫއު ހަވާލުކުރީ 11.9 މިލިއަން ރުފިޔާ އަށް، 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ޕިކްނިކް އައިލެންޑުގެ މަޝްރޫއު ހަވާލުކުރީ 19.2 މިލިއަން ރުފިޔާ އަށް، 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެނގިފައިވާ ގޮތުގައި، ގއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ނ. އަތޮޅަށެވެ.