މާލޭގެ ގެ އެއްގައި ހުރި އުނދުނަކުން ގޭސް ލީކުވެ، 20 އަހަރުގެ އަންހެނަކު ވަރަށް ބޮޑަށް ފިހި އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގޭސް ލީކްވެފައި ހުއްޓައި އުނދުން ޖެއްސުމުން 20 އަހަރުގެ އަންހެން މީހާ ފިހިގެން ރޭގެ 11 ޖަހާކަށް ހާއިރު ރިޕޯޓު ކުރި ކަމަށެވެ.

އަދި އިތުރު ފަރުވާއަށް އެ ޒުވާނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ ކުއްޖާގެ ހަށިގަނޑުގެ 18 ޕަސެންޓް ފިހިފައިވާ ކަމަށް އެމްއެންޑިއެފް އިން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ހާމަކޮށްފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގާފައި ވަނީ މާލޭ އެދުރުހިޔާގެ އެޕާޓްމެންޓެއްގައެވެ. ގޭސް ފުޅި ގޮވުން ފަދަ މިފަދަ ހާދިސާތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާއިރު މިފަދަ ހާދިސާތަކުގައި ގެދޮރަށާއި މުދަލަށް ގެެއްލުންވެފައިވާއިރު ގިނަ އަދަދެއްގެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ

އެގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ މާލޭގައި ގޭސް ފުޅިއެއް ގޮވައި ނޭވާ ހާސްވި މީހަކަށް ފަރުވާދީފައެވެ. މއ. ގުލާބީގޭގައި ހިނގި މި ހާދިސާގައި ފަރުވާ ދީފައިވަނީ 35 އަހަރުގެ އަންހެނަކަށެވެ.