މި ފަހަރު އެމްޑީޕީއިން އެކުލަވާލި މެނިފެސްޓޯއިން ގއ. ކޮނޑޭއަށް ރަނގަޅު މުސްތަގުބަލެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ކޮނޑޭއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮނޑޭ އަކީ ބޮޑު ރީތި ރަށެއް ކަމަށާއި ތަރައްގީ ކުރެވޭނެ ރަށެއް ކަމަށެވެ. އަދި ކޮނޑޭއިން ގޯތި ދިނުމަށް ހުޅުވާލިއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮނޑޭއިން ގޯއްޗަށް އެދި ހުށަހަޅޭ ގޮތަށް ހުޅުވާލުމުން ރައީސް ސޯލިހު ވަނީ ކޮނޑޭގެ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.
އެކަމަކީ ކޮނޑޭގެ މުސްތަގުބަލާ ދޭތެރޭގައި ކޮނޑޭގެ ކައުންސިލުން ނިންމި ވަރަށް މުހިއްމު ނިންމުމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ލޯކަލް ޓޫރިޒަމް ފެތުރިގެން އަންނައިރު ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެ ގުޅިގެން ދާއިރު ކޮނޑޭ އަކީ ލޯކަލް ޓުއަރިޒަމަށް މުޅިން ފައްކާވެފައި އޮތް ރަށަކަށް ވެގެންދާ ކަމަށާއި ކުރު މުސްތަގުބަލުގައި އެ ފަދަ ކިތަންމެ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ. އަދި ބޭނުންވަނީ މަސައްކަތްކުރަން ތިބި ފަރާތްތަކަށް ބޭނުންވާ ފަސޭހަ ލުއި ލޯނު ލިބޭނެ ގޮތް ހެދުންކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް ރިޔާސީ ދައުރުގައި އެމްޑީޕީގެ މެނިފެސްޓޯގައި އެބައި ހިމެނިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދައުރުގައި ކޮނޑޭގައި ކޮށްދެއްވުމަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރޭގައި ކޮނޑޭގެ ބަނދަރު ބޮޑު ކޮށްދީ، ފަސޭހައިން ލަފާފުރޭ ގޮތަށް ހަދައިދިނުމަށާއި ކޮނޑޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ހައުސިން ޔުނިޓް ގާއިމުކޮށްދިނުން ހިމެނެއެވެ. އަދި ކޮނޑޭ ފުޓްބޯޅަ ދަނޑު އަޅައިދިނުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.