ބަޖެޓް ސަޕޯޓަށް ސަރުކާރުން އަމިއްލަ ފަރާތެއްގެ އަތުން 50 މިލިއަން ޔޫރޯ (842.8 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިފިއެވެ.
ފިނޭންސް މިިނިސްޓްރީން އަޕްޑޭޓް ކޮށްފައިވާ ބޭރުގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޔޫރޯއިން އަމިއްލަ ފަރާތެއްގެ އަތުން ލޯނު ނަގައިފައި ވަނީ މިދިޔަ ޖޫން 18ގައެވެ.
އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި ލޯން ނަގާފައި ވަނީ ކޮން ފަރާތަކުން ކަމެއް އެނގޭކަށް ނެތެވެ. އަދި ލޯން ދައްކަންޖެހޭ މުއްދަތާއި އިންޓަރެސްޓް ރޭޓްވެސް ހާމަކޮށްފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީން ހަމައެކަނި ބުނެފައި ވަނީ އެއީ ބަޖެޓް ސަޕޯޓަށް ނެގި ލޯނެއް ކަމަށެވެ.
އެ ލޯނުގެ އިތުރުން މިދިޔަ ޖޫން މަހު އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން މެދުވެރިކޮށް ދެ ޕްރޮޖެކްޓަކަށް 34 މިލިއަން ޑޮލަރު (520 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ވަނީ ނަގާފައެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ވަނީ ނަގައިފައެވެ.
މިއަހަރަށް ދައުލަތުން ކަނޑައެޅި 42.8 ބިލިއަންގެ ބަޖެޓުގައި އާމްދަނީއާއި އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 32.1 ބިލިއަން ރުފިޔާއެވެ. ހަރަދަށް 40.7 ބިލިއަން ރުފިޔާ ދާނެ ކަމަށް އަންދާޒާ ކޮށްފައި ވާ އިރު 8.6 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ނަމަވެސް ބަޖެޓުގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކޮށްފައި އޮތީ 8.3 ޕަސެންޓް ނަމަވެސް މިހާރު އެ މިންގަނޑު 9.4 ޕަސެންޓަށް ބަދަލު ކުރުމުން އިތުރު އާމްދަނީ ލިބޭނެ ކަމަށް ބެލެވެއެވެ. މި އަހަރުގެ ބަޖެޓުގައި ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މި ހިޔާނާތްތެރި ސަރުކާރުން ދިވެހިން ދަރުވަމުންދާއިރު ދަރަންޏަށް ފައިސާ ދޫކުރާ ފަރާތްތަކަކީވެސް ދައުލަތުގެ ބޮޑު ސިއްރަކަށް މި އޮންނަނީ ވެފައި. ނަގަމުންދާ ލޯނުތަކުގެ ހަބަރުވެސް ހުންނަނީ ބޭރުގެ ނޫސްތަކުގައި.