ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި އެތައް މިލިއަން ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ރެފުޖީންނަށް ވެފައި ވާ އިރު، އުމުރުން 41 އަހަރުގެ ހަސަން އަލް ކޮންޓާރު އަކީ އޭގެ ތެރެއިން އެކަކެވެ.

އޭނާ މީގެ 15 އަހަރު ކުރިން ސީރިއާ ދޫކޮށް ނިކުތެވެ. ޔޫއޭއީގައި 11 އަހަރު އުޅުމަށް ފަހު، ޕާސްޕޯޓް އެކްސްޕަޔާވުމުން އާ ޕާސްޕޯޓެއް ނުހެއްދި މައްސަލައިގައި 2017 ވަނަ އަަހަރުގެ އޮކްޓޯބަރުގައި އެގައުމުން ޑީޕޯޓް ކޮށްލިއެވެ.

މެލޭޝިއާއަކީ ސީރިއާގެ ރައްޔިތުންނަށް 3 މަހުގެ އޮން އެރައިވަލް ވިސާ ލިބޭ ގައުމެއް ކަމުން، އޭނާ ޑީޕޯޓް ކޮށްލީ މެލޭޝިއާއަށެވެ. ނަމަވެސް ޕާސްޕޯޓެއްވެސް އަދި އެހެން ގާނުނީ ލިޔުމެއްވެސް އަދި ދަންނަ ރައްޓެއްސަކުވެސް ނެތުމާއެކު އޭނާއަށް އެއާަޕޯޓުން ނުކުމެވޭނެ މަގެއް ނުފެނުނެވެ. އެހެން އުޅެމުން، އިކުއެޑޯއަށާއި ކެމްބޯޑިއާއަށް ދާން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ދެވޭގޮތެއް ނުވިއެވެ.

ދެން އޭނާގެ ދިރިއުޅުން ފެށީ މެލޭޝިއާގެ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގެ ތެރޭގައެވެ. 7 މަސް ވާންދެން އެތާނގައި ދިރިއުޅުނު އިރު، ސޯޝަލްމީޑިއާގައި އޭނާގެ ހުނަރުތައް ދައްކަމުން ދިޔައެވެ. ސީރިއާގައި ތިބި އާއިލާއާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އެހެން އުޅެނިކެން އޭނާގެ ބައްޕަ މުސްކުޅި ބަލީގައި މަރުވިއެވެ. ނަމަވެސް ބައްޕަ ދެކިލަންވެސް އަަދި އެހީވާންވެސް އޭނާއަށް ދެވޭނެ ގޮތެއް ނުވިއެވެ.

އުއްމީދު ކަނޑާލުމެއް ނެތި އޭނާ އެއާޕޯޓުގައި އުޅެމުން ދަނިކޮށް، ނަސީބު އަތުގައި ހިފީ، އޭނާގެ ޕޯސްޓްތައް ކެނެޑާގެ ސޯޝަލް އެކްޓިވިސްޓުން ތަކަކަށް ފެނުނު ހިސާބުންނެވެ. އެމީހުންގެ މަސައްކަތުން އަލް ކޮންޓާރަށް އެސައިލަމް (އަރުވާލެވިގެން ހުރުން) ގެ ފުރުސަތު ހޯދައިދިނެވެ. ނަމަވެސް އެ ފުރުސަތު އޭނާއަށް ލިބުމުގެ ކުރިން މެލޭޝިއާގެ ފުލުހުން އޭނާ ހައްޔަރު ކޮށް، ރެފިއުޖީން ބައިތިއްބާ ޑިޓެންޝަން ސެންޓަރަކަށް ގެންދިޔައެވެ. އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތި އެހެން މާ ގިނަ ދުވަހު އުޅުމުން، އޭނާ ސަލާމަތީ ބާރުތަކުގެ ރާޑަރަށް އެރީއެވެ. އެސައިލަމް ލިބުނީ، އޭނާ އެ ޑިޓެންޝަން ސެންޓަރުގައި ހުއްޓައެވެ.

އެސައިލަމް ލިބުމުން ކެނެޑާގެ ވެންކޫވާއަށް ގެންދިޔައެވެ. އަދި އޭނާއަށް އެހީތެރިވެ ދިން މީހުންގެ އެހީއާއެކު ކެނެޑާގެ މާހައުލަށް ފެތި، އުޅުމާއި ގުޅުން ދަސްކޮށް ކުޑަ ވަޒީފާއެއްވެސް ހޯދިއެވެ. ސައި އުފުލައިދޭ މީހެއްގެ ވަޒީފާއިން ފެށި އަލް ކޮންޓާރު ކޮވިޑް ތެރޭގައި ކެނެޑާގެ ކޭމްޕްތަކުގައިވެސް މަސައްކަތް ކުރިއެވެ. އެހީތެރިކަން ފޯރުކޮށްދީ، ކެނެޑާ ބަސް ދަސްކޮށް ލައްކަ ހިއްވަރުން އޭނާއަށް މިދިޔަ ބުދަދުވަގު ވަނީ ކެނެޑާގެ ރައްޔިތުކަން ލިބިފައެވެ.

އެއާއެކު އޭނާ ބުނީ، އެއަށް ވުރެ ވަކި ބޮޑު އުފަލެއް ނެތް ކަަމަށާއި މުޅިން އާ ހަޔާތެއް، އާ އިންސާނެއްގެ ގޮތުގައި ފެށުނީ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތުވެފައި ވާ ގައުމެއްގައި ހިތްދަތި ދިރިއުޅުމެއް ތަހަންމަލް ކުރަމުން ދާ އޭނާ ފަދަ އެންމެނަށް އެހީތެރިވާން ބޭނުން ވާ ކަމަށެވެ. މުސްތަގުބަލުގައި މަސައްކަތް ކުރަން ބޭނުން ވަނީވެސް އެފަދަ ރެފިއުޖީ ކޭމްޕުތަކުގައި ކަމަށާއި، އޭނާގެ އާއިލާއަށް ވެސް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ.

އަލް ކޮންޓާރު ބުނީ، ސީރިއާގައި ދިރިއުޅުނު އޭނާގެ އާއިލާ، ކުރި ބުރަ މަސައްކަތާއެކު މީގެ 4 މަސް ކުރިން މިސްރަށް ގެންގޮސްފައި ވާ ކަމަށެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ނުބައި ވަކިތަކުން ސަލާމަތްކޮށް މިސްރަށް އެމީހުން ގެންދެވިފައި ވުމުން، ދެން މަސައްކަތް ކުރާނީ ކެނެޑާއަށް ގެންދިޔުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.