އެފްރިކާގެ ސެނެގާލް އިން ރެފިއުޖީންނާ އެކު ފުރި 3 ބޯޓެއް ގެއްލިގެން ހޯދަމުން ދަނިކޮށް ބޯޓު ފެނިއްޖެއެވެ.
ސްޕެއިންގެ ކޯސްޓްގާޑުން ބޯޓުތައް ހޯދުމަށް މަސައްކަތް ކުރަނިކޮށް 1 ބޯޓު ފެނުނީ ކެނަރީ އައިލޭންޑްސް ކައިރިން ކަމަށާއި އޭގައި 86 މީހުން ތިބިކަމަށް ވަނީ މައުލޫމަތު ދީފައެވެ.
މި ބޯޓުތައް ގެއްލިގެން އުޅޭތާ 2 ހަފްތާއެއްހާ ދުވަސް ވެފައި ވާކަމަށް އިދާރާތަކުން ބުނާ އިރު، ބޯޓުތައް ހޯދުމަށް ކަނޑާއި ވައިގެ މަގުން ދަނީ ބަލަމުންނެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުން އެފްރިކާގެ ގައުމުތަކުން ޔޫޕަރަށް ހިޖުރަކުން ބޭނުންވެ އެތައް ބަޔަކު ފުރަމުން ދާ އިރު ސްޕެއިންގެ ކޯސްޓްގާޑަށް ފެނުނު ބޯޓަކީ ގެއްލިގެން ހޯދަމުން ދާ 3 ބޯޓުގެ ތެރެއިން ބޯޓަކަށް ނުވުމަކީވެސް އެކަށީގެން ވާ ކަމެކެވެ. ނަމަވެސް އެކަން ޔަގީން ކުރުމަށް އިތުރު އިންވެސްޓިގޭޝަން ހަދަން ޖެހޭ ކަމަށާއި ފެނުނު ބޯޓު ފުރި މަންޒިލާއި ދަތުރު ނިންމަން ރާވާފައި އޮތް މަންޒިލްވެސް އަދި ސާފުވެފައެއް ނުވެއެވެ.
އޮފިޝަލުން ބުނާގޮތުން ނުފެނި ވާ 2 ބޯޓުން ކުރެ ކޮންމެ ބޯޓެއްގައި 50-60 އާ ދެމެދުގެ އަދަދެއްގެ ހިޖުރަވެރިން ތިބޭނެއެވެ.
ރެފިއުޖީންގެ ހައްގުގައި މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ ގެއްލުނު 3 ބޯޓުގައި 300 އެއްހާ މީހުން ތިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެމީހުން ހޯދުމުގައި އެހީތެރިވުމަށް ސްޕެއިންގެ އިތުރުން، މޮރިޓޭނިއާ، ސެނެގާލް އަދި މޮރޮކޯގައި އެދިފައިވާނެ ކަމަށެވެ.
ހަބަރުތައް ބުނާގޮތުން މި ބޯޓުތައް ފުރީ ސެނެގާލްގެ ކަފޯންޓައިންގެ ބަނދަރުންނެވެ. އެއީ ސްޕެއިންގެ ކެނަރީ އައިލޭންޑްސް އާ ގާތްގަނޑަކަށް 1700 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަހައްދެކެވެ. އެފްރިކާގެ އެ ބައްރުން ޔޫރަޕަށް ހިޖުރަކުރުމުގެ ބޭނުމުގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ރެފިއުޖީންނެއް ކަނޑު ހުރަސް ކުރަން މަސައްކަތް ކުރާ އިރު ބާރު ވަޔާއި ކަނޑުގެ ގަދަ ރާޅުތަކުގެ ތެރޭގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު މަރުވެގެން ވެސް ދެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި 800 އެއްހާ މީހުން މަރުވެފައި ވާ ކަމަށް ވެސް ރެފިއުޖީންނާ ބެހޭ އިދާރާތަކުން ބުނެއެވެ. ސްޕެއިންގެ ކެނަރީ އައިލޭންޑަށް ދިޔުމަށް ދަތުރު ކުރަނިކޮށް މިދިޔަ 2022 ވަނަ އަހަރުވެސް 559 މީހަކު މަރުވެފައި ވާ ކަމަށް ހިސާބުތަކުން ދައްކައެވެ. 2020 ވަނަ އަަހަރު 23،000 ރެފިއުޖީން ކެނަރީ އައިލޭންޑްސް އަށް ގޮސްފައި ވެއެވެ. އަދި މިއަަހަރުގެ މިހާތަނަށް 7000 ރެފިއުޖީން ރައްކާތެރި ކަމާއެކު އެ ރަށަށް ގޮސްވައި ވެސް ވެއެވެ.
އެކި ގައުމުތަކުގައި ހިނގާ ހަނގުރާމަތަކާއި ދާހިލީ މައްސަލަތާ ހުރެ ދިރިއުޅުމުގެ ހެޔޮ ގޮތްތަކެއް ފެނޭތޯ ގައުމު ދޫކޮށް ހިޖުރަ ކުރާ މީހުން އަހަރުން އަހަރަކަށް ގިނަ ވަމުން ދާ އިރު، މިދިޔަ މަހަކީ ވެސް ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ މަހެކެވެ. އެގޮތުން އެންމެ ބޮޑު ހާދިސާއަކީ ގްރީސް ކައިރިން ޣަރަގުވި 500 މީހުންގެ ހާދިސާއެވެ.