މެޑިޓެރޭނިއަން ކަނޑުން ގްރީކަށް ހިޖުރަކުރަން ދަތުރުކުރާ އެތައް ސަތޭކަ ހިޖުރަވެރިންނެއް މަރުވާ މައްސަލަ އަކީ އެކަމާ އެތައްބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.
2020 އިން ފެށިގެން 2023 އާ ދެމެދު ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވާ އިރު ސަލާމަތްވި މީހުންވެސް ގިނައެވެ. ބައެއް މީހުންނަކީ ތުރުކީން ފުރައިގެން ގްރީސް އަށް ވަނުމަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުވެގެން މަރުވެފައި ވާ މީހުންނެވެ. އަނެއްބައި މީހުންނަކީ އެމީހުން މަރުވި ގޮތް ސީދާ ދެނެގަނެވިފައި ނުވާ މީހުންނެވެ.
ބީބީސީ އިންވެސްޓިގޭޝަން ޓީމުން ކުރި ދިރާސާއަކަށް ފަހު ހާމަ ކުރި ރިޕޯޓެއްގައި ބުނެގައި ވަނީ, އެ މުއްދަތުގެ ތެރޭގައި ތުރުކީން ފުރައިގެން ގްރީސްގެ ސަމޯސް ކިޔާ ރަށާ ހަމައަށް ދެވުނު ބައެއް މީހުން ގްރީސް ސިފައިން ހިފާ ހައްޔަރު ކޮށް އަލުން ބޯޓަކަށް އަރުވައިގެން މައި ކަނޑަށް ނެރެ ކަނޑަށް ވައްޓާލި ޖުމްލަ 15 ހާދިސާއެއް ބަލައި ތަހުލީލު ކޮށްފައި ވާ ކަމަށެވެ. އެ ހާދިސާތައް ހިނގާފައިވާ ގޮތާއި ތާރީހުތަކާއި އަދި އެހާދިސާތައް ލޮލުންދެކެފައިވާ މީހުންގެ އިންޓަވިއު ތަކުގެ އަލީގައި ބީބީސީން ބުނީ, އެފަދަ މީހުން ހިފާ ހައްޔަރު ކޮށް ގްރީކް ކޯސްޓްގާޑަކަށް އަރުވައިގެން މައިކަނޑަށް ނިކުމެ އެއްލާލައި ޣަރަގުވާން ދޫކޮށްލާފައި ހުރި ކަމަށެވެ. އަދި ބައެއް މީހުން އިންޖީނެއް ވޭލަރުގަނޑެއް ފަދަ ރާފްޓު ތަކަށް އަރުވާ ގްރީކް ކަނޑުން ބޭރުވާން ފޮނުވާލާފައި ވާ ކަމަށާއި އެފަދަ ރާފްޓްތަކަކީ ކޮންމެވެސް ވަރަކަށް ހަލާކުވެފައި ހުންނަ ރާފްޓް ކަމުން ވަކި ހިސާބަކަށް ދާތަނުން ވައި ހިނދި އަޑިއަށް ދާ ކަމަށެވެ.
އެއާއެކު އޭގައި ތިބޭ މީހުން ޣަރަގުވެގެން މަރުވާ ކަމަށް ބުނެފައި ވެއެވެ.
މިފަދަ ބައެއް ހާދިސާތަކުން މަދު މީހަކު ސަލާމަތްވެފައި ވާ އިރު އެފަދަ މީހުން ހޯދާ ބީބީސީން ވަނީ އިންޓަވިއު ކޮށްފައެވެ. އެމީހުންނާ ހަވާލާދީ ބީބީސީން ބުނީ, އެމީހުން ސަމޯސް އަށް އަރާތަނުން މޫނު ނިވާކޮށް ތިބޭ ސިފައިންނާއި ކުލަހެދުމުގައި ތިބޭ ބަޔަކު އައިސް އެމީހުން ހައްޔަރުކޮށްގެން ގެންދާ ކަމަށެވެ. އަދި މައި ކަނޑަށް ނިކުމެ މޫދަށް ފުންމާލުމަށް މަޖުބޫކު ކުރާ ކަމަށާއި, ފުންމާލައި މީހުން ސަލާމަތަށް އެދި ގޮތާ, ބޯޓުގައި އެލިގަނެގެން ތިބެއްޖެ ނަމަ އެމީހުންގެ ބޮލުގައި ތަޅާ އަޑިއަށް ކޮއްޕާހަދާ ކަމަށެވެ. އެތަނުން ސަލާމަތްވި އެކަކު ބުނެފައި ވަނީ, އޭނާ ގެންދިޔަ ބޯޓުގައި އިތުރު 2 މީހަކު ގެންދިޔަ ކަމަށާއި 3 މީހުން އެއްކޮށް ކަނޑަށް އެއްލާލުމުން ސަލާމަތްވާން ފަތަމުން ދިޔަ ކަމަށެވެ. ނަސީބު ކަންދިމާކުރި ގޮތުން އޭނާ ސަލާމަތް ވި ނަމަވެސް އަނެއް 2 މީހުން މަރުވި ކަމަށާއި އެމީހުންގެ ފުރާނަ ނެތް މަސްގަނޑު ލެއްގީ ތުރުކީގެ ގޮނޑު ދޮށަށް ކަމަށެވެ.
ބީބީސީގެ މިވާހަކަތައް ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ދޮގުކޮށް ބުނެފައި ވަނީ, އެގޮތަށް ކަންކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ހިޖުރަވެރިން ގްރީސް އަށް ވަނުމަށް ދަތުރު ކުރާ އިރު 600 މީހުންނާއެކު ދަތުރުކުރި ބޯޓެއް ގްރީކް ކޯސްޓްގާޑުގެ ކުރިމަތީގައި ބަންޑުން ވެ އަޑިއަށް ދިޔަ އިރު އަޅާ ނުލައި ބަލަހައްޓައިގެން ތިބި މައްސަލައެއްވެސް ފެންމަތިވިއެވެ. އެހާދިސާގައި އެ އެންމެން ވަނީ މަރުވެ ގޮސްފައެވެ.
މިގޮތަށް ހިޖުރަ ކުރާ މީހުންގެ ތެރޭގައި ޕާކިސްތާން, ސީރިއާ އަދި އެފްރިކާގެ ގައުމުތަކުގެ މީހުން ހިމެނޭ އިރު އެމީހުން ގައުމު ދޫކޮށް އަނގަމަތީ ދޯނިތަކުގައި ދަތުރަށް ފުރަނީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. އެއް މަންޒިލުން އަނެއް މަންޒިލަށް ދަތުރު ކުރަމުން ގޮސް އެމީހަކު ދާން ބޭނުންވާ މަންޒިލަކާ ހަމައަށް ދެވެންދެން ދަތުރު ކުރެވޭތޯ މަސައްކަތް ކުރަމުން ދާ އިރު އެގައުމުތަކުން ފުރާ ގިނަ މީހުން ދަނީ ތުރުކީގެ އައްސޭރި ފަށަށެވެ. އެތަނުން އެކިއެކި ކުދި ބޯޓުތަކުގައި ފުރައިގެން ދެން ދަނީ ގްރީސް އަށެވެ. ގްރީސް އިން ގިނަ ބަޔަކަށް ރެފިއުޖީ ސްޓޭޓަސް ލިބޭ އިރު އެއީ އެމީހުންގެ މުސްތަގުބަލް ބިނާ ކުރަން ލިބޭ ފުރުސަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.