އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ރަސްމިއްޔާތުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ މި އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރާ 8 ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް އިއުލާން ކޮށްފައެވެ.
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކޮށްފައިވާ ގޮތް:
- ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (އަމިއްލަ ގޮތުން)
- ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް (އަމިއްލަ ގޮތުން)
- ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
- މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
- ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް (ޖުމްހޫރީ ޕާޓީ)
- އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
- ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
މިއަދު ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް އިއުލާންކޮށްފައިވާ އިރު، ދެން އިންތިހާބާ ގުޅިގެން ކުރިއަށް ދާނީ ކެންޑިޑޭޓުން ކެމްޕޭން ކުރާ މުއްދަތެވެ. އެ ގޮތުން ކެމްޕެއިން ކުރުމަށް 30 ދިވަހުގެ މުއްދަތެއް ކެންޑިޑޭޓުންނަށް ލިބޭނެއެވެ. މި މަހުގެ 10 އިން އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހާ ހަމައަށް އޮތް 30 ދުވަހަކީ ކެންޑިޑޭޓުންނަށް ކެޕެއިން ކުރުމަށް ދީފައިވާ މުއްދަތެވެ.
މީގެ އިތުރުން މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް މާދަމާއިން ފެށިގެން މި މަހުގެ 17 އަށް ވަނީ ހުޅުވާލާފައެވެ.
އަންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަންނަ ސެޕްޓެމްބަރު މަހުގެ 9ގައި ބާއްވަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އޮންނާނީ އިންތިހާބު ކުރިއަށްދާ ދުވަހަށްފަހު ހަތް ދުވަހުގެ ތެރޭގައެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެވަނަ ބުރު ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާންކުރުން އޮންނާނީ ދެވަނަ ބުރުގެ އިންތިހާބު އޮންނަތާ ހަތް ދުވަހުގެ ތެރޭގައެވެ.