މަސްވެރިކަމުގެ އޮޑިދޯނި ފަހަރުތަކުގައި ވެސަލް ލޮކޭޓާ ޑިވައިސް (ވީއެލްޑީ) ހަރުނުކުރާނަމަ ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަސްވެރިކަމަށް ދޫކޮށްފައިވާ ލައިސަންސް ހިފަހައްޓާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކަނޑު މަހުގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދުތަކުގައި މިނިސްޓްރީ އިން ކަނޑައަޅައިފައިވާ ގޮތުގެ މަތިން ވީއެލްޑީ ހަރުކުރުމަކީ ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ދޫކުރެވިފައިވާ މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތެއް ކަމަށާއި މި ޑިވައިސް ނެތި އެ ފަދަ އުޅަނދުތައް މަސްވެރިކަން ކުރާނަމަ ބެލެވޭނީ މަސްވެރި ކަމުގެ ލައިސެންސްގެ ޝަރުތާ ހިލާފުވުން ކަމަށެވެ.
އެހެންކަމުން އޮކްޓޫބަރު 30 ވަނަ ދުވަހުން ފެށިގެން ވީއެލްޑީ ޑިވައިސް ހަރުކުރަން ޖެހޭ އެއްވެސް އުޅަނދެއްގައި ޑިވައިސް ހަރުނުކުރާ ނަމަ، ލައިސެންސް ހިފަހައްޓާނެ ކަމަށާއި އަދި މަސްވެރިކަމުގެ ލައިސެންސް ސަސްޕެންޝަނުން ނެގޭނީ ޑިވައިސް ހަރުކޮށްގެން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް ވީއެލްޑީ ޑިވައިސް ހަރުނުކުރާ ފަރާތްތަކުގެ އިތުރުން ވީއެލްޑީ އެކްޓިވޭޓް ކޮށްފައިވާ ނުވާ އުޅަނދު ފަހަރު ތަކުން އުރީދޫގެ ހޮޓްލައިން 221 އަދި ދިރާގު ނަންބަރުތަކުން 9613221 އަށް ގުޅުއްވާ ވީއެލްޑީ ހަރުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ އުޅަނދުގެ ޓްރެކް މިހާރު ފެންނަމުންނުދާ އުޅަނދުފަހަރު ތަކުން ވެސް އެ މައްސަލައަށް ހައްލު ހޯދުމަށް މިނިސްޓްރީގެ އިއުލާންގައި ވެއެވެ.
މި ޑިވައިސް އުޅަނދުގައި ހަރުކުރުމުގެ މައިގަނޑު މަގްސަދަކީ ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރި ވަމުންދާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކޮށްދިނުމުގެ އިތުރުން ބައިނަލްއަގްވާމީ ގޮތުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުވާ ވެސަލް ޓްރެކިންގ ނިޒާމެއްގެ ތެރެއިން މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓާކޮށް ބެލެހެއްޓުން ހަރުދަނާކުުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީގެ ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްވެރިވަމުންދާ އުޅަނދުފަހަރު ވެސަލް މޮނިޓަރިންގް ސިސްޓަމް މެދުވެރިކޮށް ހަރަކާތްތައް ބެލުމުގެ މަސަކަތް 2020 ވަނަ އަހަރުން ފެށިގެން ފިޝަރީޒް މިނިސްޓްރީން ދަނީ ކުރަމުންނެވެ.