ޓިކްޓޮކްގައި ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވާ ސަމާގެ ލައިވް އިން އަނެއްކާ ވެސް އެހީއަށް ބޭނުންވާ ބަލި މީހަކަށް 64،858.18 ރުފިޔާ ހޯދައި ދީފިއެވެ.

ސަމާގެ މި ލައިވް އިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ، ފާތުމަތު ސުވައިދާ (ކޫ) އުމުރުން 35 އަހަރުގެ އަންހެނަކަަށެވެ. މިއީ ޓިކްޓޮކް މެދުވެރިކޮށް އެހީ ބޭނުންވާ މީހުންނަށް ފަންޑް ރެއިސްކޮށް ދިނުމަށް ސަމާ ހިންގި 4 ވަނަ އިވެންޓެވެ. އަދި ރޭ ސަމާ ލައިވް ކުރި ޓިކްޓޮކްގެ އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ އެހީ ބޭނުންވާ މީހާއާ އެކީގައި ހުރެގެންނެވެ. މިއީ މިފަދައިން އެހީ ބޭނުންވާ މީހާއާ އެކު ސަމާ ލައިވް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

އުމުރުން 35 އަހަރުގެ ފާތިމަތު ސުވައިދާ އަކީ "ސްޕެސްޓިކް ސެރެބްރަލް ޕަލްސީ" ތަހައްމަލް ކުރަމުންދާ މީހެކެވެ. ވަރަށް ތުއްތު އިރުން ފެށިގެން ވެސް އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ، އެނދުގައި އޮންނަން ޖެހިފައިވާ މީހެކެވެ. ވާހަކަ ދެއްކުމަށް ވެސް ނުކުޅެދިފައިވާ ސުވައިދާ މުއާމަލާތް ކުރަނީ އަތުގެ ހަރަކާތުންނެވެ. ނަމަވެސް އޭނާގެ ބަލި ހާލަތާ ހުރެ ގައިގެ މަސްތައް ހަރުއަރާފައި ހުންނާތީ އަތުން ވެސް ހަރަކާތް ކުރުމަކީ އޭނާއަށް ވަރަށް ބޮޑު ދަތި ކަމެކެވެ. މި ބަލި ހާލުގައި ސުވައިދާގެ މުޅި އުމުރު ހޭދަކުރަމުންދާ އިރު، އޭނާ ބޭސް ފަރުވާ ހޯދަން ޖެހެނީ ކޮންމެ 3 މަހަކުން އިންޑިއާ އަށް ދާން ކަމަށް އާއިލާއިން ބުނެއެވެ.

ސުވައިދާގެ ބޭސްފަރުވާއަށް އާސަންދަ ހަމަޖެހުނު ކަމުގައި ވިޔަސް ހުރުމަށާއި ކެއުމަށް ވަރަށް ބޮޑު ހަރަދެއް ދާ ކަމަށް އާއިލާއިން ބުނެއެވެ. ނިއޮމޯނިއާއަށް ބޭސްކުރުމުގެ ސަބަބުންނާއި ބަލިހާލަތު ހުރިގޮތުން ހޮސްޕިޓަލާއި ވީހާވެސް ކައިރިން ތަނެއްނަގައި ބާއްވަން ޖެހޭތީ އާއި، ވަކި ޑައިޓެއްގައި ކެއުން ބުއިން ގެންގުޅެން ޖެހުމުން ވެސް އިތުރަށް ހަރަދުތައް ބޮޑުވާ ކަމަށް އާއިލާއިން ބުނެއެވެ.

ފަންޑް ރެއިސް ކުރުމަށް ރޭ 8:45 އިން ފެށިގެން އެއް ގަޑިއިރަށް ކުރިއަށް ގެންދިޔަ އިވެންޓްގައި ވަރަށް ގިނަ މީހުން ވަނީ ސުވައިދާއަށް އެހީ ވުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދީފައެވެ. އެއް ގަޑިއިރާއި 15 މިނެޓާ ހަމައަށް ލައިވް ކުރިއަށް ގެންގޮސްފައިވާ އިރު، ރޭ ވަނީ ޖުމްލަ 64،858.18 ރުފިޔާ ލިބިފައި ކަމަށް ލައިވް ނިންމާލަމުން ސަމާ ވަނީ ބުނެފައެވެ.

މި ފައިސާ ވަނީ ސުވައިދާގެ މަންމަގެ އެކައުންޓަށް ސަމާ ޓްރާންސްފާ ކޮށްފައެވެ. މިއީ ޓިކްޓޮކްގައި ސަމާ ހިންގި މި ފަދަ ލައިވްގެ ތެރެއިން އެންމެ ގިނައިން ފަންޑް ރެއިސް ކުރި ފަހަރު ވެސް މެއެވެ.

ސަމާ އެންމެ ފުރަތަމަ މި ގޮތަށް ހިންގި ލައިވްގައި އެހީތެރިކަން ފޯރުކޮށް ދީފައި ވަނީ އުފަންވީން ސުރެ ސިކުނޑީގައި ފެނަށް ވުރެ ލޭ ގިނަ ވުމުގެ ސަބަބުން ބޯ އާދަޔާ ހިލާފަށް ބޮޑުވަމުން އަންނަ އުމުރުން 3 އަހަރުގެ ޔޫސުފް ހާމިދު މުހައްމަދަށެވެ. އެ ލައިވް އިން 57،000 ރުފިޔާ ލިބުނު ކަމަށް ޔޫސުފްގެ ބެލެނިވެރިން ވަނީ ބުނެފައެވެ.