ރޯޝަނީ ގޯޅީގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައިގައި ހ. ސޯސަންފްލާވާ، އިސްމާއީލް އަރުޝަދު 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އޮގަސްޓް 25، 2021 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަށް ހާއިރު، ހެންވޭރު ރޯޝަނީ ގޯޅީގައި ހުރި ހުސައިން ޝިމާއު އާދަމް ސައިކަލަށް އަރަން ދިޔަ ވަގުތު، އަރުޝަދު ވަނީ ޝިމާއުގެ ކަރުގެ ވާތް ފަރާތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައެވެ. ޝިމާއުއަށް އޭނާ ހަމަލާ ދީފައި ވަނީ، ނަޝްފާ އަހްމަދު ކިޔާ އަންހެނަކު އަރުޝަދަށް ދޭން ޖެހޭ ފައިސާ ޓްރާންސްފާ ކުރުން ލަސްވުމާ ގުޅިގެން އެމީހުންގެ މެދުގައި އެ ގޯލީގައި ތިބެ ހިނގާ ދިޔަ ދެބަސްވުމަކަށް ފަހު، ނަޝްފާ އާއި ޝިމާއު އެ ސަރަހައްދުން ދާން އުޅުމުންނެވެ.

ދައުލަތުން އަރުޝަދުގެ މައްޗަށް ކުރި ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އެއާއެކު އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ހެކީގެ ގޮތުގައި ނަޝްފާ އާއި ޝިމާއުގެ ހެކި ބަހާއި، ވީޑިއޯ އާއި އިމޭޖް އެނަލައިސިސް ރިޕޯޓާއި، ސީން އޮފް ކްރައިމްގެ ރިޕޯޓާއި، އަނިޔާވި މީހާގެ މެޑިކަލް ރިޕޯޓް އަދި ޑީއެންއޭ ތަހުލީލު ރިޕޯޓާއި އިތުރު ކިތާބީ ހެކިތައް ހުށަހަޅާފައެވެ. އަދި އަރުޝަދުގެ ފަރާތުން ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ނުވާ ކަން ސާބިތު ކޮށް ދިނުމަށް ދެމީހެއްގެ ހެކިބަސް ހުށަހަޅާފައެވެ.

ދައުވާއަށް އިންކާރުކޮށް އަރުޝަދު ބުނެފައި ވަނީ އޭނާ އެ ގޯޅިއަށް ދިޔަ ކަމަށާއި ފައިސާގެ މައްސަލައިގައި ނަޝްފާއާ ޒުވާބު ކުރި ކަމަށެވެ. އަދި ޝިމާއު އާއި ނަޝްފާ އެތަނުން ދާން އުޅުމުން އެމީހުން ފަހަތުން ދިޔަ ކަމަށާއި ޝިމާއު ސައިކަލަށް އެރުމުން އޭނާ ކަރުގައި އަތުން ޖެހި ކަމަށާއި ނަމަވެސް ވަޅިން ހަމަލާ ދީފައި ނުވާ ކަމަށާއި ވަޅިއެއް ގެންގުޅެފައި ނުވާ ކަމަށް އަރުޝަދު ބުނެފައި ވެއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖްއަށް ބަލާ އިރު، ވީޑިއޯއިން ފެންނަ ފަރާތަކީ އަރުޝަދު ކަމަށް ބެލެވޭ ކަމަށް ކޯޓުން ބުނެއެވެ. އަދި އޭނާ ވަޅިއެއް ގެންގުޅޭ މަންޒަރު ސާފުކޮށް ފެންނަ ކަމަށާއި ޝިމާއުއަށް ހަމަލާ ދޭ މަންޒަރާއި ހަމަލާ ދީފައި އޭނާ އެތަނުން ދާ މަންޒަރު ވެސް ވަރަށް ސާފުކޮށް ފެންނަކަމަށް ބުންޏެވެ. ނަމަވެސް ކަރަށް ހަލަމާ ދިން މަންޒަރު ފެންނަ ފުޓޭޖަކީ ވަރަށް ދުރުގައި ހުރި ކެމެރާއަކުން ނަގާފައިވާ މަންޒަރެއް ކަމުން ހަމަލާ ދޭން އަތް މަޅާލާ މަންޒަރު އެހާ ސާފެއް ނޫނެވެ.

މި މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އިރު، އެ ހުކުމުގައި ބުނެފައި ވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކަށް ނުރައްކާތެރި ހާނިއްކައެއް ކުރުމުގެ ކުށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާކަމަށެވެ.

މި މައްސަލައިގައި އަރުޝަދަށް ހުކުމް ކުރި އިރު، އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް އުނި ކުރުމަށް ފަހު އޭނާ ތަންފީޒު ކުރަން ޖެހޭނީ 8 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.