ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުވެވަޑައިގެންފި ނަމަ، ގދ. ރަތަފަންދޫގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށާ ކައިރީގައި އޮތް ކުރެއްދު އާ ގުޅާލައި، ރަތަފަންދޫ ބޮޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ގދ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަތަފަންދު އަށް ވަޑައިގެން ރައީސް ވަނީ، އެ ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަތުމުގެ އިތުރަށް ފަސް ވައުދުވެ ވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރަތަފަންދޫ ވަށައިގެން އޮންނަ ލިންކު ރޯޑާއި ބޮޑު ދެ މަގުގައި ތާރު އެޅުން
  • ޒަމާނީ ވަސީލަތްތަކާ އެކު ޒުވާނުންގެ މަރުކަޒެއް ގާއިމްކުރުން
  • ސިއްހީ މަރުކަޒުގެ އާ އިމާރާތެއް ގާއިމްކުރުން
  • ސްކޫލުގައި އާ މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރުން
  • ބަނދަރު ތަރައްގީކޮށް ޒަމާނީ ހިދުމަތްތައް ދެވޭ ވަރުގެ ތަނަކަށް ބަނދަރު ހެދުން

ރައީސް ވިދާޅުވީ، މިހާރު ކުރެވިފައިވާ ކަންކަމުގެ އިތުރުން، ރައްޔިތުން ހަމަޖެހިގެން އުޅެވޭނެ ގޮތްތަކެއް ހޯދަން އެބަ ޖެހޭ ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވައި ނިމުމުން، އާއިލާ އާ އެކީގައި ރަތަފަންދޫގެ ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމަށެވެ.

އެއާއެކު، އެ ރަށު ރައްޔިތުންގެ ގާތުން ރައީސް އެދިވަޑައިގަތީ ކުރިއަށް އޮތް އިންތިހާބުގައި އެ ރަށުން އެމަނިކުފާނަށް ބޮޑު އަޣުލަބިއްޔަތެއް ހޯދައިދިނުމަށެވެ.