ގދ. މަޑަވެލީގައި ރޭ ހުޅުޖެހީ ފޯކަސް ގެއްލުވާލަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނު މިއަދު މަޑަވެއްޔަށް ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށް ރޭ ފަތިހުގެ ވަގުތުގައި ބައްދަލުވުން ބާއްވަން ނިންމާފައިވާ ތަނުގައި ހުޅުޖެހުމާ ގުޅިގެންނެވެ.
އެ ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުން ދާއިރު ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަނުގައި ދަމާފައިވާ ކަޅު މެޓާއި، ބެނާތަކުގެ އިތުރުން ޕޯޑިއަމް އާއި ގިނަ އަދަދެއްގެ ގޮނޑިތަކަށް ވަނީ ބޮޑެތި ގެންލުންތަކެއް ލިބިފައެވެ.
އެކަމާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ މަޑައިވެލީގައި ރޭގެ ފަތިހު ހިނގާ އެ ދިޔަ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި ރިޔާސީ އިންތިހާބެއްގެ ކެމްޕެއިންގައި ވާދަވެރިން ކެންޑިޑޭޓުން ކެމްޕެއިން ކުރަމުން ދާއިރު މިކަހަލަ ބައެއް ކަންތައް މީގެކުރިން ވެސް ދިމާވި ކަމަށެވެ. އަދި މަގްސަދަކީ ފޯކަސް ގެއްލުވާލައި ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެކަމުން ދޭހަވާ އެއް ކަމަކީ މި ކުރާ ކެމްޕެއިންގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބޮޑު ތަނުން ކާމިޔާބުވާތަން ވާދަވެރިންނަށް ފެނުމުން އެކަން ހުއްޓުވަން ކުރާ ކަމެއް ކަމަށެވެ. އަދި މަޑަވެލީގެ ރައްޔިތުންނަށާއި ސަޕޯޓަރުންނަށާއި ކެމްޕެއިން ޓީމަށް ރައީސް ސޯލިހު ވަނީ އެކަމަށް ޖަވާބު ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރެެއްވުމަށް ގޮވާލައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ފޯކަސް ކުރައްވަންވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ވޯޓުން ކަމަށެވެ. އަދި ރާއްޖޭގައި ހަމަނުޖެހުމާއި ތަޅާފޮޅުމާއި ސުލްހަވެރިކަން ނައްތާލައިގެން ކާމިޔާބު ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށްވެސް ވެސް ރައީސް ވިދާޅުވިއެވެ.
އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދިނުން ކަމަށާއި މި އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ދިރިއުޅޭ މީހުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހުޅުޖެހުމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ. މަޑަވެލީގައި އެމްޑީޕީ ޖަލްސާ ބޭއްވުމަށް ތައްޔާރު ކޮށްފައިވާ ތަނުގައި ރޯ ކޮށްލި ކަމުގެ މައުލޫމާތު ފަތިހު 5:34 އެހާއިރު ލިބިފައިވާ ކަަމަށާއި އަލިފާން ރޯ ކޮށްލިތާ މާ ގިނައިރު ނުވަނީސް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މިކަމާ ގުޅިގެން އެކި ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދާއިރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ޑިމޮކްރެޓްސްގެ ހަމަތާކައި ރިވެތި އުސޫލުތަކުން ހުރިހާ ޕާޓީތަށް ކެމްޕެއިން ކުރުމަށްވެސް މާރިޔާ ވަނީ ގޮވާލައްވާފައެވެ.
މަޑަވެއްޔަކީ އެމްޑީޕީ އަށް ވުރެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ ތާއީދު ބޮޑު ރަށެއް ކަން ފާހަގަ ކޮށްލެވެއެވެ.