ސަރުކާރުން ކުރިއަށް ގެންދާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ ފްލެޓްތައް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ވަގުތީ ލިސްޓް އާންމުކޮށް، ހައުސިން މިނިސްޓްރީއިން ބުނީ ދާއިމީ ލިސްޓް އިއުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ހާލަތާއިގުޅޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ފޯމުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅިއިރުވެފައިވާ އިގްރާރުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށެވެ.

ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީއިން ވަނީ ހުޅުވާލައިފައެވެ.

މީގެ ކުރިން ވެސް ފްލެޓް ލިސްޓް އާންމު ކުރާނެ އެތައް ތާރީހެއްގައި ހައުސިން މިނިސްޓްރީއިން ބުނެފައިވީ ނަމަވެސް އެ ދުވަސްތަކުގައި ފްލެޓް ލިސްޓު އާންމުކުރެވިފައި ނުވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން، އަވަސް އަރުވާލައްވައި ދެއްވި ކުރު ޖަވާބެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވަނީ "ދެން ހަމަ ލަސްވަނީ، ކުރިން ވެސް އެ މަސައްކަތް (ލިސްޓުގެ މަސައްކަތް) ކުރަނީ" ކަމަށެވެ. "ކުރަން ޖެހޭ މަސައްކަތްތައް ނުނިމިގެން މި އުޅެނީ، ނިމުނީމަތާ ވާނީ،" އޭނާ ވިދާޅުވިއެވެ.

ލިސްޓު އާންމުނުކުރެވިގެން އުޅެނީ އިދާރީ މައްސަލައަކާ ގުޅިގެން ނޫން ކަމަށް މީގެ ކުރިން އަކްރަމް ވަނީ ވިދާޅުވެފައެވެ.

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމަށް 20،697 މީހުން ކުރިމަތިލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 14،489 ފަރާތަކާއި، ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލީ 6،208 ފަރާތެކެވެ.