އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު "ނީނާ" އަކީ 2019 ވަނަ އަހަރު އިއުލާންކުރި ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން މާލެ އަދި ލ އަތޮޅުގައި ނަގައި ނިންމި ނަމަވެސް ކޮވިޑްގެ ރާޅާއެކު މި ފިލްމު އެޅުވޭގޮތް މުޅިން ބަންދުވިއެވެ. ފިލްމުގެ ޝޫޓިން ނިމިފައި އޮންނަތާ ތިން އަހަރު ފަހުން ރޭ މިވަނީ ބެލުންތެރިންނަށް "ނީނާ" ބެލުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. ދިވެހި ފިލްމު "ބަވަތި" އިން ފިލްމީ ދާއިރާއަށް ތައާރަފްވި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ މި ފިލްމަށް ކުރި ދިގު އިންތިޒާރުގެ ނިމުން ވަރަށް ފޮންޏެވެ. އިއްލެގެ ޑްރީމް ޕްރޮޖެކްޓް "ބަވަތި" އިން ބެލުންތެރިންގެ އިތުބާރު ހޯދިއެވެ. އެހެންވެ "ނީނާ" ފިލްމު ބަލަން ދިޔައިރުވެސް އެއްވެސް ވަރަކަށް ހާހެއްނުވެއެވެ. ފިލްމު ރީތިވާނެ ކަން އެނގޭތީއެވެ. ފިލްމު ބަލަން އެކުގައި ދިޔަ ކުއްޖާ ގާތުވެސް ވަރަށް ފޮނިކެނޑީމެވެ. އިއްލެގެ ފިލްމެއް ވިއްޔާ ބަރާބަރުވާނެ ކަމަށް ބުނީމެވެ.

ރެޑް ކާޕެޓް ހަފްލާއަކާއެކު ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި "ނީނާ" އާ ގުޅޭގޮތުން އިއްލެ ބުނީ ބާރުގަދަ، ވަރުގަދަ އަންހެނެއް އުޅޭ ފިލްމެއް ހަދަން ބޭނުންވި ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވެގެންދިޔައީ ނީނާ އިން ކަމަށެވެ. މި ފިލްމަކީ ގަދަ އަންހެނެއް ލައްވައި ކުޅުވި ގަދަ ފިލްމެއް ކަމަށްވެސް އިއްލެ ވަނީ ބުނެފައެވެ.

ފިލްމުގެ ކެމެރާމަން އަކީ ކަނޑިއެވެ. އެޑިޓިން އެންޑް ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އޯކޭޒްއިންކް އިންނެވެ. އިއްލެގެ ސްކްރިޕްޓަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވެފައިވަނީ "ބަވަތި" ގެ ލީޑުން ފެނިގެންދިޔަ އަހްމަދު އިފްނާޒް ފިރާގް އެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ އާސިމް އަލީ އެވެ. މޭކަޕް މަސައްކަތް ކޮށްފައިވަނީ ރުތްބާ އަހުމަދެވެ.

  • މައިގަނޑު ތަރިން

ނުޒުހަތު ޝުއައިބު (ނީނާ)، ޝަރަފް އަބްދުﷲ (ހަމްދު)، ޖުމައްޔިލް ނިމާލް (ޒަފަރު)، މަރިޔަމް ރަޝީދާ (ލަތީފާ)، ހަމްދޫން ފާރޫގު (އަލްބޯ)، އިބްރާހީމް ޝާއިފް (ސިމްހާދު/ސިއްޕަޅޭ)، ހަސަން ޝިނާން (މޯޑު)، އައިޝާ އަލީ (މަރީ)، މަރިޔަމް ޝަކީލާ އާދަމް (ނީނާގެ މަންމަ) އަދި ނަތާޝާ ޖަލީލް (އާބިދާ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ނީނާ އަކީ އެންމެ ކުޑައިރުން ފެށިގެންވެސް މަންމަ އެއް ބައްޕައެއްގެ ލޯބި ނުލިބި ބޮޑުވި ކުއްޖެކެވެ. އުމުރުން ވަރަށް ކުޑައިރު ބައްޕަ ނީނާގެ މަންމަ ދޫކޮށްލާފައި ދިޔުމުން ނީނާ އުޅެބޮޑުވީ މަންމަ ގާތުގައެވެ. ނަމަވެސް މަންމަ ހުއްޓެއް ކަމަކު އެ މަންމަގެ އެއްވެސް އަޅާލުމެއް އަދި ލޯތްބެއްވެސް ނީނާއަކަށް ނުލިބިއެވެ. ކަރާޓީ ކުލާސްތައް ނަގައިދޭ ކަރާޓީ މޮޅަށް ކުޅެން ދަންނަ ނީނާ ގެ ހަޔާތުގެ ވާހަކައަކީ ވަރަށްވެސް އެހެން ކަހަލަ ތަފާތު ވާހަކައެކެވެ. ގޭތެރެއިން ޖިސްމާނީ އަނިޔާ ނީނާގެ މަންމަ އަށް ލިބެން ފެށުމުން އެކަމާ ދެކޮޅަށް އަޑުއުފުލާ ނީނާ އަކީ ކައިވެންޏާ ވަރަށް ދެކޮޅު ޒުވާނެކެވެ. ނަމަވެސް ނީނާގެ ހަޔާތަށް ހަމްދު އައިސް އެހުރިހާ ބަދަލުކޮށްލިއެވެ. ކައިވެނިކޮށްގެން ހަމްދުގެ ރަށަށް ނީނާ ބަދަލުވީ "ނަރަކަ" އިން ސަލާމަތްވުމުގެ ބޭނުމުގައެވެ. އެހިސާބުން ނީނާ އަށް ޒަފަރު އާ ދިމާވެއެވެ. އެއީ ހަމްދުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި ރަށު ފުލުސް އޮފިސަރުވެސް މެއެވެ.

ހަމްދުމެންގެއާ އިންވެގެން ހުންނަ ގެއަކުން ނީނާ އަށް ކޮންމެ ދުވަހަކު އަންހެނެއްގެ ރުއިމާ ކެކުޅުމުގެ އަޑުއިވެއެވެ. އެންމެފަހުން ކެތްނުވެގެން އެގެއަށް ވަދެ ކަންތައްތައް ވަމުން ދިޔަ ގޮތް ނީނާ ބެލިއެވެ. އާބިދާ އަށް އޭނާގެ ފިރިމީހާ އާދިލް އަނިޔާކުރާ މަންޒަރު ނީނާ އަށް ފެނެއެވެ. އެ މަންޒަރު ބަލާކަށް ނީނާ މަޑަކުން ނުހުރެއެވެ. އެ މަންޒަރުންވެސް ނީނާ ސާބިތުކޮށްދިނީ އޭނާ އަކީ ވަރަށް ކެރޭ ޖެހިލުންކުޑަ ވަރުގަދަ އަންހެނެއް ކަމަށެވެ.

ހަމްދު އާއި ނީނާގެ ކައިވެންޏަށް ދެ އަހަރުވިތަނާ ދެމަފިރިންނަށް ކުއްޖަކު ލިބެއެވެ. ހަމްދު އާއި ނީނާގެ މުޅި ދިރިއުޅުން ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެގެންދިޔައީ ޖަލަށް ލާފައި ހުރި އަލްބޯ ޖަލުން ނެރުމުންނެވެ. ޒަފަރު އަށް އެ ހަބަރު ލިބުމާއެކު ހަމްދު ގާތު ބުނެއެވެ. ހަމްދު ވަގުތުން ހާސްވިއެވެ. ކަންދިމާކުރި ގޮތުން އެދުވަސްވެގެންދިޔައީ ހަމްދުގެ ދަރިފުޅަށް އަހަރު ފުރުނު ދުވަސްކަމުން ދެމީހުން ދަރިފުޅާއެކު ފަޅު ރަށަކަށް ދާން ޕްލޭން ކޮށްފައި އޮތް ދުވަހަށެވެ. ނީނާގެ ހަޔާތަށް ލޮޅުން އެރީ މި ދަތުރުންނެވެ. މުޅި ދިރިއުޅުން ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވީ އުންމީދުކުރި ގޮތަކަށް ނޫނެވެ. ކަޅި ނުޖަހާ، ނޭވާ ހިފަހައްޓާލައިގެން ފިލްމުގެ މަންޒަރުތައް ބަލަމުން ދިޔައިރު ހަގީގަތުގައިވެސް ލޮލުން ކަރުނަ ހިލުނެވެ.

ނީނާގެ އަސްލު ކެރެކްޓާ ފެންނަން ފެށީ މިހިސާބުންނެވެ. ތަފާތު ކެރެކްޓާއެކެވެ. ވަރުގަދަ ޓްވިސްޓްތަކަކާއެކު ފިލްމުގެ މަންޒަރުތައް ދައްކަމުން ދިޔައިރު ފިލްމު ބަލަން އޮލިމްޕަހަށް ވަތް ހުރިހާ އެންމެންވެސް ތިބީ ފިލްމުގެ ތެރެއަށް ހަމަ ރަނގަޅަށްވެސް ވަދެފައެވެ. އިރުއިރުކޮޅާ ނީނާ ބުނެލާ ޖުމްލަ އަކުން ނޫނީ ނީނާ ކޮށްލާ ކަމަކުން ބެލުންތެރިންގެ ތައުރީފް އަޑު ގަދަވެއެވެ. އަންހެނެއްގެ ވަރުގަދަކަން ހަމަގައިމުވެސް ނީނާ ވަރަށް ރަނގަޅަށް ދައްކުވައިދީފިއެވެ. ސަސްޕެންސް އެންމެ ފުރިހަމަ މިންވަރެއްގައި ހިފެހެއްޓިފައިވާއިރު "ނީނާ" ފިލްމަކީ ނޭވާ ހިފަހައްޓާލަންޖެހޭ، ޓިޝޫއަކުން ލޮލުން ފޭބި ކަރުނަތަށް ފޮހެމުން ބަލަން އިންނަންޖެހުނު މޮޅު ފިލްމެކެވެ.

ނުޒުހަތު ޝުއައިބު، މިއީ ފިސާރި އަންހެނެއް!

މި ފިލްމު ނުޒޫ އާއެކު އިއުލާންކުރިއިރު ވެސް މި ފިލްމު ސަޅިވާނެ ކަމުގެ އުންމީދު އޮތެވެ. މުޅި ފިލްމަކީ ނުޒޫ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނުޒޫގެ ކެރެކްޓާ ނީނާ ކުޅެދީފައިވަނީ އެންމެ ފުރިހަމައަށެވެ. ބުނާނެ އެއްޗެއް ނެތެވެ. ހަމަގައިމުވެސް އަހަރެންގެ ފޭވަރިޓަކަށް ނުޒޫވެގެން ހިނގައްޖެއެވެ. މި ކެރެކްޓާ އެހެން ފަންނާނަކަށް ކުޅެވޭނެ ބާއޭ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ހިތުގައި އުފެދުނު ސުވާލަށް ޖަވާބެއް ނުލިބުނެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ނުޒޫ މި ފިލްމުގައި ދައްކުވައިދީފައިވަނީ އޭނާގެ ހުނަރެވެ. ނުޒޫ ސާބިތުކޮށްދިނީ އޭނާ އަކީ ފިލްމީ ދާއިރާއަށް ބޭނުންތެރި އަދި މޮޅު ފަންނާނެއް ކަމަށެވެ. ފިލްމުގެ ކޮންމެ މަންޒަރެއްވެސް އޭނާ ކުޅެފައިވަނީ ކުޅޭ ހިތުންކަން ފިލްމު ބެލުމުން އެނގެއެވެ. ފިލްމުގައި ނުޒޫގެ ތިން ލުކެއް ފެނިގެންދިޔައިރު އެ ތިން ލުކްވެސް ވެގެންދިޔައީ ނުޒޫ އާ އެންމެ އެކަށޭނެ ލުކްތަކަށެވެ. ނީނާ ކެރެކްޓާ އެންމެ ގުޅެނީ ހަމަ ނުޒޫ އަށެވެ. ފިލްމުގެ ކެރެކްޓާ އަށް ފިޓުވާން ނުޒޫ ބުރަ މަސައްކަތްކުރިކަން އެނގެއެވެ. މާޝަލް އާޓްސް ޓްރެއިނިން ނުޒޫ ފުރިހަމަކުރިއެވެ. ފިލްމުގެ ކޮންމެ މަންޒަރެއްވެސް އެންމެ ފުރިހަމަ އަށް ގެނެސްދެވޭތޯ ބަތަލާ މަސައްކަތްކުރިއެވެ. އަދި އެކަން ކާމިޔާބުވެސް ކުރިއެވެ. ފިލްމުގެ ބަތަލާ ނުޒުހަތު، ނީނާ ކެރެކްޓާ ކުލުނުއިރު އެ ކެރެކްޓާ އަކީ ވަރަށް ވަރުގަދަ ކެރެކްޓާއެކެވެ. ނީނާ އަކީ ކޮންމެ ކަމެއްވެސް ކޮށްލަން ފަސްނުޖެހޭނެ، ފިރިހެނަކަށް ދޫކޮށްނުލާނެ ފަދަ ވަރުގަދަ އަންހެނެކެވެ. ފިލްމުގައި އެންމެ ފާހަގަކޮށްލެވެނީ ނީނާގެ ޑައިލޮގްތަކެވެ. ނީނާ ބުނެލާ މޮޅު ޖުމްލަތަކެކެވެ. އެ ޖުމްލަތަކުން ބެލުންތެރިންގެ ރޫރޫއަޅައިގެން ދިޔައިރު އެ ޖުމްލަތަކަށް ބެލުންތެރިންގެ ތަރުހީބުގެ އަޑު ގަދަވިއެވެ. ނުޒޫ އަށް ހަމަ އައްސަރިބަހާ ސާބަހެވެ.

ޝަރަފްގެ އެކްޓިން ވަރެއް ނެތް!

މި ފިލްމަކީ ޝަރަފް ކުޅުނު އެންމެ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލާނަމަވެ. ނަމަވެސް ކޮވިޑްގެ ސަބަބުން މި ފިލްމު އެޅުވުން އެތައް ދުވަހަކަށް ފަސްވެގެންދިޔައިރު ޝަރަފްވަނީ ވެބް ސީރީޒްތަކުންނާއި ޑާކްރެއިންގެ ބައެއް މަސައްކަތްތަކުން ފެނިގެންގޮއްސައެވެ. ޝަރަފްގެ އެކްޓިންނެއް ބެލުންތެރިންނަކަށް އަލެއްނުވާނެއެވެ. ނަމަވެސް މިއީ އޭނާގެ ފުރަތަމަ ފީޗާ ފިލްމު އެކްޓިންނެވެ. ނަމަވެސް މިހާރުގެ ތަރިންނަށް ވަކި ދޫނުކުރާނެ ކަން އޭނާ ވަނީ މި ފިލްމުން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ. ޝަރަފްގެ ޖާދޫގައި ހަމަ ރަނގަޅަށްވެސް އެންމެން ޖެހުނެވެ.

ހަމްދޫންގެ އެކްޓިން އަށް ސަތޭކަ!

ހަމްދޫންގެ ވާހަކަ ނުދައްކާ މި ފިލްމުގެ ރިވިއު ފުރިހަމައެއް ނުވާނެއެވެ. ނީނާ ކެރެކްޓާ ނެގުމަށްފަހު އަލްބޯގެ ކެރެކްޓާ އަކީ އަހަރެންގެ އެންމެ ފޭވަރިޓެވެ. އަލްބޯގެ ކެރެކްޓާއާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ދޭކަށް ބޭނުމެއްނުވެއެވެ. ހަމައެކަނި ބުނާނީ އަލްބޯގެ ކެރެކްޓާ އަކީ ވަރަށް ޓަފު ފިރިހެން ކެރެކްޓާއެއް ކަމަށެވެ. ވަރަށް ގޭންގު ކެރެކްޓާއެއް ކަމަށެވެ. ހަމްދޫން، އަލްބޯ ކެރެކްޓާ އެންމެ ފުރިހަމައަށް ޑެލިވާކޮށްދީފައިވާއިރު އަލްބޯ ކެރެކްޓާގެ ސަބަބުން ބެލުންތެރިން ހެއްވާލާ ފަހަރު އައިއިރު ރުޅިއައިސްގެ ފަޅައިގެންދާ ފަހަރުވެސް އައެވެ. ހަމަގައިމުވެސް އަލްބޯ ވަރެއް ނެތެވެ.

އިއްލެގެ ފަރާތުން އަޖައިބު!

އިއްލެގެ "ބަވަތި" ބެލުމަށްފަހުވެސް އޭނާގެ އެހެން ފީޗާ ފިލްމަކަށް އިންތިޒާރު ކުރެވުނެވެ. ބަވަތި ގެ މޮޅުކަން ފެނި، އިއްލެގެ ހުނަރު އެ ފިލްމުން ފެނިގެންދިއެވެ. ތިން އަހަރުދުވަހު ކުރި ދިގު އިންތިޒާރުގެ ނިމުން ވަރަށްވެސް ފޮންޏެވެ. އުންމީދުކުރިގޮތާއި އެއްގޮތަށް ނީނާ އަކީ ވަރަށް މޮޅު މަސައްކަތެކެވެ. އިއްލެގެ ކޮންމެ މަސައްކަތަކީ ވެސް ހަމަ ޖާދޫއެކެވެ. އިއްލެ ސާބިތުކޮށްދިނީ މުޖުތަމައު އާ ގުޅޭ ދިވެހިންގެ އާންމު ދިރިއުޅުމުގައި ވެސް ދިމާވެދާނެ މައްސަލަތައް ފިލްމެއްގެ ޒަރިއްޔާއިން ފުރިހަމައަށް ގެނެސްދެވޭނެ ކަމެވެ. ރާއްޖޭގައި މިވަގުތު ކަންތައްތައް ހިނގަމުން އަންނަ ގޮތް ވަރަށް ރަނގަޅަށްވެސް ދައްކުވައިދިން މި ފިލްމަކީ އެއްވަނައިގެ ފިލްމެކެވެ.

ކެރެކްޓާތަކުގެ މޭކަޕުން ފެށިގެން ފިލްމުން ފެނިގެންދިޔަ ހުރިހާ މަންޒަރުތަކަކީ ރީތި ހިތްގައިމު މަންޒަރުތަކެވެ. ލ އަތޮޅުގެ ހިތްގައިމު މާހައުލާއި ޑްރޯންގެ މަންޒަރުތައް ވެސް ވަރަށް ފުރިހަމައެވެ. ކެމެރާގެ މަސައްކަތާއި ސިނަމެޓޮގްރަފީވެސް ވަރަށް ހިތްގައިމެވެ. ފިލްމުގައި އެއްވެސް ވަރަކަށް ވިޝުއަލް އިފެކްޓްސް ހިމެނިފައިނުވުމަކީ އެއް އަޖައިބެވެ. ހަމަ ނުޒޫގެ ހިތްވަރެވެ. އިއްލެ ވާހަކަ ރާވާކައިފަވާ އޮތްގޮތެވެ. ފިލްމުގައި ހިމަނާފައިވާ ލަވަތަކަކީ ފިލްމާ އެންމެ އެކަށޭނެ ލަވަތަކެވެ. ފިލްމުގެ ހުރިހާ ތަރިންގެ އެކްޓިން ފާހަގަކޮށްލެވޭއިރު 30 އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި ފިލްމަކުން ފެނުނު ވެޓެރަން އެކްޓްރެސް މަރިޔަމް ރަޝީދާގެ އެކްޓިން މޮޅެވެ. އޭނާ ސާބިތުކޮށްދިނީ ވަރުގަދަ އަންހެނެއްގެ ފަހަތުގައި ހުރީވެސް ވަރުގަދަ ފަހުލަވާނެއް ކަމަށެވެ.

ފިލްމުގެ ހުރިހާ މަސައްކަތެއްވެސް ވަރަށް ފުރިހަމައެވެ. މިއީ ފިލްމުގެ ޓީމުގެ ބުރަ މަސައްކަތެކެވެ. އަދިވެސް އެއްފަހަރު މި ފިލްމު ބަލައިލަން ފުރުސަތު ލިބިއްޖެނަމަ ފުރުސަތުގެ ބޭނުން ހިފާނަމެވެ. މި ފިލްމަކީ އެއްފަހަރު ބަލައިގެންވެސް ނުފުދޭނެ ފިލްމެކެވެ. ތިން ވަނަ ފަހަރަށް މި ފިލްމު ބެލިނަމަވެސް ފޫހިނުވާނެ ކަމުގެ ޔަގީންކަން ދެމެވެ. ނީނާ އަކީ ވަރުގަދަ އަންހެން ފަހުލަވާނެކެވެ. ފިލްމުގައި ކިޔައިދެނީ ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެކެވެ. އިބުރަތުން ފުރިގެންވާ މި ފިލްމަކީ ޖެހިލުން ކުޑަ އަންހެނެއްގެ ހަޔާތުގައި ދިމާވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ފިލްމެކެވެ. ނީނާ އަކީ ދިވެހި ސިނަމާއަށް މިއަހަރު ނެރުނު އެންމެ މޮޅު ފިލްމެވެ. ނީނާ އަކީ ބްލޮކްބަސްޓާއެކެވެ. ފިލްމު ނިމިގެންދިޔައީ ބެލުންތެރިންގެ ތަރުހީބާއެކުގައެވެ. ފިލްމުގެ ޓީމަށް އައްސަރިބަހާ ސާބަހެވެ!