ރިޔާސީ އިންތިހާބާ ގުޅިގެން ކުށުގެ ރެކޯޑު ސާފުކުރުމަށް 34 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.
އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް އެ އިދާރާ އަށް ހުށަހެޅުނު 34 ފޯމުގެ ތެރެއިން 32 ފޯމެއްގެ ރެކޯޑު ސާފުކޮށް، ވަނީ އެ ފަރާތްތަކާ ހަވާލުކުރެވިފައެވެ.
ޑީޖޭއޭ އިން ބުނީ، ކުށުގެ ރެކޯޑުތައް ސާފުކުރަނީ ވަކިވަކިން ކަމަށާއި، ރެކޯޑުތައް ސާފުކުރެވެނީ އޮޓޮމޭޓަޑް ޑޭޓާބޭހަކުން ކަމުގައި ނުވާތީ ރެކޯޑު ސާފުކުރުމަށް ވަގުތު ހޭދަވާ ކަމަށެވެ، އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް އެކަމަށް ސަމާލުވުމަށް އެ އިދާރާ އިން އެދެއެވެ.
ހަމަ އެއާއެކު، ރިޔާސީ އިންތިހާބާ ގުޅިގެން ކުށުގެ ރެކޯޑު ސާފުކުރުމަށްޓަކައި މިރޭ 9 ގެ ފަހުން ހުށަހަޅާ ފޯމުތައް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑި ކަމަށްވާ މާދަމާ އަށް ނުނިމުމުގެ ފުރުސަތު އެބައޮތް ކަމަށް، ޑީޖޭއޭ އިން ބުންޏެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 23 ގައެވެ. އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު ހަމަވާނީ މާދަމާ މެންދުރުފަހު 2 ޖަހާއިރަށެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މައި އިންތިހާބަށް މިހާތަނަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށާއި، ޖަވާބު ދެވުނީ އެންމެ ބޭފުޅަކަށް ކަމަށެވެ. ހަބީބު އިލްތިމާސްކުރެއްވީ ލަސްނުކުރައްވައި، ހުރިހާ މައުލޫމާތެއް ފުރިހަމަކުރުމަށް ފަހު، އިންތިހާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ހުށަހެޅުއްވި ބޭފުޅުންނަކީ:
- ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުﷲ ޔާމީން
- އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
- އެމްޑީޕީގެ ފަރާތުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
މީގެ ތެރެއިން ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އެހެން ކެންޑިޑޭޓުންނާ މެދު ވަކިގޮތެއް އަދި ނުނިންމައެވެ.
ލަފާކުރެވޭ ގޮތުގައި މާދަމާގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި، އަމިއްލަގޮތުން ވާދަކުރައްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން އިންތިހާބުގައި ވާދަކުރެއްވުމަށް އެދި ފޯމު ހުށަހަޅުއްވާނެއެވެ.