ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގެއިލް ފައުންޑޭޝަންގެ ފައުންޑާ އަދި ރައީސް، ޕްރޮފެސަރު ހަސަން އުގެއިލް މިހެން ވިދާޅުވެފައި އެވަނީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވައި އަންނަ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށަހެޅުމާ އެކުގައެވެ. މި އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އައްޑޫ އަސްލަމެވެ.

ރައީސް ސޯލިހަށް އުގައިލް މަރުހަބާ ވިދާޅުވެފައިވާ އިރު، މީގެ ކުރިން އުގައިލް ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ނަމަވެސް އެ ފާޑުވިދާޅުވުމަކީ އެއްވެސް ގޮތަކުން ސިޔާސީ ފާޑެއް ނޫން ކަމަށާއި އެއީ އިލްމީ ފާޑެއް ކަމަށް އުގައިލް ވަނީ ވިދާޅުވެފައެވެ.

އޭރު އުގެއިލް ވަނީ އިންޑިއާ އެކު ގުޅިގެން ރާއްޖެއިން މަޝްރޫއުތައް ހިންގަމުން ދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އިންޑިއާއަކީ ދުނިޔޭގެ އެއްވަން ގައުމު ނޫން ކަމަށާއި، އެ ގައުމާ އެކު ގުޅިގެން ހިންގާ މަޝްރޫއުތަކަށް ބަރޯސާވެގެން ތިބޭ ނަމަ 21 ވަނަ ގަރުނު އަންނަ އިރު ވެސް ރާއްޖެ އޮންނާނީ ފިނިހަކަ ސްޕީޑުގައި ކަމަށް އުގައިލް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރު އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމަކީ އިންޑިއާއެވެ. އަދި ރާއްޖޭގައި ހިންގާ ބިޔަ އެތައް މަޝްރޫއެއް އިންޑިއާގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އިރު، އެ މަޝްރޫއުތައް ނިމޭލެއް ލަސްވާ ވާހަކައަކީ އަބަދުވެސް އާންމުން ދައްކަމުން އަންނަ ވާހަކަތަކެކެވެ. އެގޮތުން އެންމެ ބޮޑު އެއް ޝަކުވާއެއްގެ ގޮތުގައި އާންމުން ފާހަގަ ކުރަމުން އަންނަނީ އިންޑިއާގެ އެފްކޯންސް އާ ހަވާލުކޮށްގެން އަޅަމުން އަންނަ ތިލަމާލެ ބްރިޖް މަޝްރޫއަށެވެ.