މިއަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާ ގުޅޭގޮތުން ބާއްވަމުން ދިޔަ ޕީޕީއެމްގެ ސެނޭޓް ބައްދަލުވުން ހޫނުވެ، ހަމަނުޖެހުން އުފެދިގެން ފުލުހަށް އެންގުމުން ޕީޕީއެމް އޮފީހަށް ފުލުހުން ވަދެއްޖެއެވެ.
ފުލުހުން ވަން ވަގުތު ފުލުހަކަށްވެސް އެތެރެއިން ހަމަލާ ދޭން މަސައްކަތް ކޮށް، ނޫސްވެރިއެއްގެ ފޯންވެސް އެއްލާލައިފައި ވެއެވެ. މިއާއެކު ފުލުހުންގެ އެހީގައި ޕާޓީގެ އާންމު މެންބަރުން ބޭރަށް ނެރެ ޕާޓީ އޮފީސް ތަޅުލާފައި ވާއިރު، ސެނޭޓުގެ ބައްދަލުވުން އެ އޮފީހުގެ ފުރަތަމަ ފަންގެފިލާގައި އަލުން ފަށައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ލަފާ ދެއްވައި އެކަމުގައި ސެނޭޓުން ދެކޭގޮތް އެންގެވުމަށް ޔާމީން އަންގަވާފައި ވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ "ދަ ޕްރެސް" އަށް ޔަގީން ކޮށްދެއްވާފައެވެ.
ޝިޔާމް ވިދާޅުވީ އެކަމުގައި ޕީޕީއެމްގެ ސެނެޓުގެ މެންބަރުން ދެކޭ ގޮތް އެނގިވަޑައިގަންނަވަން ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
އިންތިހާބު ބޮއިކޮޓް ކުރުމާމެދު ޕީޕީއެމް ސެނެޓުގެ މެންބަރުން ދެކޭ ގޮތް ރައީސް ޔާމީން ބައްލަވަން ބޭނުންފުޅުވެގެން ހުށަހަޅުއްވާފައި ވާއިރު ދެން ރައީސް ޔާމީން އަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.
މިއަދު ބޭއްވި ސެނެޓު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ.
މި ބައްދަލުވުމުގައި ބަހުސްކުރަމުން ދިޔައީ އިންތިހާބު ބޮއިކަޓްކުރުމާ ގުޅޭ ގޮތުން ކަމަށްވާއިރު ސެނެޓުން ވަނީ ރައީސް ޔާމީން އިންތިހާބުން ބާކީ ކުރީ ސަރުކާރުގެ ނުފޫޒު ފޯރުވައިގެން ކަމަށް ފާސްކޮށްފައެވެ. އަދި އިންތިހާބު ބޮއިކޮޓު ކުރުމާމެދު ވޯޓެއް ނެގުމަށް ސެނެޓު މެމްބަރުންގެ ހިޔާލު ތަފާތުވެފައި ވާއިރު އެނގިފައިވާ ގޮތުގައި ރިޔާސަތުން މަސައްކަތް ކުރަނީ އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބެލުމަށް ވޯޓަށް އެހުމަށެވެ. އެހެންނަމަވެސް އެކަމަށް މަޝްވަރާ ނުކޮށް ވޯޓު ނަގަން ސެނެޓް މެމްބަރުން ބޭނުން ނުވެއެވެ.
އެއާއެކު ސެނެޓުގެ ބައްދަލުވުމުގެ ތެރޭގައި އަޑުގަދަކޮށް ޒުވާބު ކޮށްފައި ވެއެވެ. މި ބައްދަލުވުމުގައި ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންވެސް ބައިވެރި ވެވަޑައިގަންނަވައެވެ.
ސެނެޓުގެ ގިނަ މެންބަރުން އިންތިހާބު ބޮއިކަޓް ކުރުމާ ދެކޮޅުވެފައި ވާއިރު އުފެދުނު ޒުވާބާއި ހަމަނުޖެހުމުގެ ތެރެއިން ޕީޕީއެމް އޮފީހަށް ފުލުހުން ވަނީ ވަދެފައެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ ޕީޕީއެމް ސެނެޓް މެންބަރުންގެ ބައްދަލުބުމަށް ޕީޕީއެމް އޮފީހުގައި ކުރިއަށް ދަނިކޮށް އެތަނަށް އިތުރު ބަޔަކު ވަދެފައިވާ މައްސަލަ ޕީޕީއެމްއިން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން އެ ސަރައްހައްދުގައި ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަތް މައްސަލައިގައި މިއަދު ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި ފުރަތަމަ ރައުޔު އިއްވެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުން ރައީސް ޔާމީން 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވާ 5 މިލިއަން ޑޮލަރު ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް ކަމަށާއި ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިއިރު ނުދައްކާކަން މީރާގެ ނޯޓިސް އިން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
މިއާއެކު ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހީމް ވަނީ ހުސްނުއް ސުއޫދުގެ ރައުޔުއަށް ތާއީދު ކުރައްވާފައެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެހެން ނިންމާފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.
ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައި ވާއިރު އިސްތިއުނާފު އަވަސް ކުރުމަށް އެކި ފަހަރުމަތިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް ކޯޓުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު މާދަމާ ދުވަހަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.