ދިޔަވަރު ބޮޑުވާ ވަގުތުތަކުައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މިއަދު ހުދު ސަމާލު ނެރެފައި ވަނީ މެންދުރު ފަހުގެ 2:00 އިން ރޭނގަނޑު 7:00 އާ ހަމައަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެ ކަަމަށްވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވެއެވެ. އެގޮތުން މާލެ އާއި ސިނަމާލެ ބްރިޖް ގުޅިފައިވާ ހަލި މަގަށް އުދަ އަރާ ގެއްލުންވިއިރު އައްޑޫގެ އެކި ހިސާބުތަކަށްވެސް އުދައިގެ އަސަރު ކޮށްފައި ވެއެވެ. މިއަދު މެންދުރުފަހުވެސް ރާޅުގެ އުސްމިން 6 ފޫޓާއި 8 ފޫޓާ ދެމެދު އުފުލޭނެ ކަމަށާއި ދިޔަ ބޮޑޫވާ ގަޑިތަކުގައި ބައެއް ރަށް ރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށާއި މިއަދު 2 އަކުން އިރުއޮއްސި 7 ޖަހަންދެން ދިޔަވަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މާލެ ސަރަހައްދުގައި އުދައިގެ އަސަރު ކުރާނެ ސަރަހައްދުތަކަކީ:

  • ހައިވޭ
  • އެއާޕޯޓް ބްރިޖް ސަރަހައްދު
  • މާލެ ބްރިޖް ލައިޓް އޭރިއާ
  • މާލެ ރާޅުގަނޑު ސަރަހައްދު
  • ސްވިމިންގް ޓްރެކް ސަރަހައްދު
  • މާލެ ކާނިވަލް ސަރަހައްދު
  • ސަލްމާން މިސްކިތް ސަރަހައްދު
  • ހުޅުމާލެ ފޭސް 1 އަދި 2 ގެ ގޮނޑުދޮށް ސަރަހައްދު

އެހެންކަމުން މި ސަރަހައްދުތަކުން އުޅަދު ފަހަރުގައި ދަތުރުކުރާ ފަރާތްތަކުގެ އިތުރުން ހިނގާ ބިނގާވެ އުޅޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އުދަ އެރުމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި މުދަލަށް މީގެ ކުރިން ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ އުދައަރައިގެން އާންމު ރައްޔިތުންނަށާއި ގެދޮރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރި ވުމަށް އިލްތިމާސް ކޮށްފައެވެ.