ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިން މޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފިއެވެ.

އިލްޔާސްގެ ރަނިންމޭޓަކީ އަމްރުކަން އިއުލާނުކޮށް ޑިމޮކްރެޓްސްއިން ބުނީ މިއަދު މެންދުރުފަހު 1:00 އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ކެންޑިޑެސީ ފޯމް ހުށަހެޅުން ދަރުބާރު ގޭގައި އޮންނާނެ ކަމަށެެވެ. އަދި ދާއީދު ކުރައްވާ ހުރިހާ ފަރާތްތަކުން ދަރުބާރުގެއަށް ދިއުމަށް ޑިމޮކްރެޓްސްއިން ވަނީ ދައުވަތު ދީފައެވެ.

ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ ސިޔާސީ މަސައްކަތުގައި ބައިވެރިވަމުންދާތީ އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައި ވަނީ މާޗް 26 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ބުނެފައިވަނީ އޭނާ މަގާމުން ވަކި ކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަމުންދާތީ ކަމަށާއި އެއީ އެގޮތުގެ މަތިން ގެނެވުނު ބަދަލެއް ކަމަށެވެ.

މާދަމާ މެންދުރުފަހު 2:00އަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު މިއަދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމް ވަނީ ފޯމް ހުށަހަޅުއްވާފައެވެ. ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައިވާއިރު ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ.

އިލްޔާސް ލަބީބްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިއަދު ކެންޑިޑެސީ ފޯމު ހުޅަހަޅަން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އުމަރު ނަސީރު، އެމްއާރްއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫނު އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްގެ އަދި މިހާތަނަށް ރަނިންމޭޓް އިއުލާނުކޮށްފައެއް ނުވެއެވެ.