ބޮޑު ބަންދަށް ފަހު 2023-2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ތައުލީމީ އާ އަހަރެއްގެ ކިޔެވުން މިއަދު ފަށާފައި ވަނީ 216 ސްކޫލެއްގައި ޖުމްލަ 84،200 ދަރިވަރުންނާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އަދި 156 ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވާދޭއިރު 6 ސްކޫލެއްގައި ސެޓްލައިޓް ސްކޫލްނިޒާމަށް ކިޔަވައިދޭނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭ ސަރަހައްދުގައި އާ ތިން ސްކޫލެއްގައި ކިޔެވުން ފަށާފައި ވާއިރު އޭގެ ތެރޭގައި ހުޅުމާލޭ ފޭސް ދޭއްގައި އަލަށް އިމާރާތް ކުރި ސަލާހުއްދީން ސްކޫލާއި، ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސީއެޗްއެސްސީގެ އިމާރާތުގެ އިތުރުން މާލޭގައި ހެދި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ހިމެނެއެވެ. ޖާގައިގެ ދަތިކަން މީގެ ކުރިން ދިމާވެފައިވާ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މި ދިރާސީ އާ އަހަރު ފަށަނީ، ކުރިން ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތުގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމު ގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ދިރާސީ އަހަރަށް ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ވެސް ހަމަވެފައިވާ ކަަމަށެވެ. އެގޮތުން މި އަހަރު ސަރުކާރު ސްކޫލްތަކުގައި ދިވެހި 6516 މުދައްރިސުންނާއި 1843 ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

ދިރާސީ އާ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ހެނދުނު ދެއްވި ހިތޯބުގައި ވިދާޅުވީ، މިއަދަކީ އުފާވެރި ދުވަހެއް ކަމަށާއި ސަބަބަކީ މިއަދަކީ ބޮޑު ބަންދަކަށް ފަހު، އަލުން އާ ދިރާސީ އަހަރެއް ފެށޭ ދުވަސް ކަމުން އެތަކެއް ހާސް ދަރިވަރުންނާއި ބެލެނިވެރީންނާއި މުދައްރިސުންގެ އިންތިޒާރު ނިމި އަލުން، އާ ފެށުމަކުން، އާ ރޫހެއްގައި، ޖޯޝާއި ފޯރިއާއެކު އުނގެނުމުގެ ހަރަކާތްތައް ފެށޭ ދުވަހަށް ވާތީ ކަމަށެވެ.

މިއަދު ފެށުނު ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ބަންދު އަންނަނީ ޑިސެމްބަރު 22 އިން އަންނަ އަހަރުގެ ޖެނުއަރީ 6 ނިޔަލަށެވެ. އަދި އަންނަ އަހަރު ބޮޑު ބަންދު ޖޫން 13 އިން ޖުލައި 30 ގެ ނިޔަލަށް ވަނީ ތާވަލު ކޮށްފައެވެ.