ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މާދަމާ ފޯމު ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިލްޔާސްގެ ރަނިންމޭޓު އަދި މިހާތަނަށް އިއުލާނު ކޮށްފައި ނުވާއިރު އިލްޔާސްގެ ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން މާދަމާ އެނގިގެންދާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ބައެއް މަސްދަރުތަކުން އެނގިފައި ވާ ގޮތުގައި ރަނިން މޭޓަކީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރެވެ.

މިރޭ ޕްރެސް ގައި ހަސަން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވޭނެ ކަަމަށް މިހާރު ގަބޫލު ނުކުރެއްވޭ ކަމަށާއި ޕީޕީއެމް އަދި ޕީއެންސީ އެއް ގްރޫޕެއްގެ ގޮތުގައި އައި ނަމަވެސް ގަބޫލުކުރައްވާނެ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

މި ވަގުތަކީ ޕީޕީއެމްއަށް ވަރަށް މާޔޫސީ ވަގުތުކޮޅެއްކަން ފާހަގަ ކުރައްވާ ހަސަން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގައި ހިނގައި ނިމިދިޔަ ކަންކަމަކީ ޕާޓީގެ މެންބަރުން އެންމެ އެދޭނެ ގޮތަކަށް ނިމިގެން ދިޔަ ކަންކަމެއް ނޫން ކަމަށެވެ. ޑިމޮކްރެޓްސްވެސް އުފެދިފައި ވަނީ އެމްޑީޕީގެ ތެރޭގައި ހިނގައި ދިޔަ އެފަދަ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމުން މިހާރު ޕީޕީއެމްގެ މެންބަރުންގެ އިހްސާސްތައް ހުންނާނެ ގޮތް ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާ ކަމަށް ވެސް ހަސަން ވަނީ ވިދާޅުވެފައެވެ.

"ކޮމަން ކެންޑިޑޭޓެއް" ނެރެ ކުރިއަށް ދިއުމަށް އަދިވެސް ހުންނެވި ނަމަވެސް މިހާތަނަށް ކޮމަން ކެންޑިޑޭޓެއް ކަނޑައަޅާފައި ނުވާ ކަމަށް ހަސަން ވިދާޅުވިއެވެ. ޕީޕީއެމްގެ މެންބަރުން މާޔޫސްނުވެ ޑިމޮކްރެޓްސްއާ ގުޅުމަށް ހަސަން ގޮވާލެއްވިއެވެ.

ޑިމޮކްރެޓްސްއާއި ޕީޕީއެމްގެ އާންމު މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށް ވިސްނަމުންދާ ކަން ހަސަން ލަތީފް މިރޭ އިއުލާނު ކުރައްވާފައި ވާއިރު އިލްޔާސް ލަބީބްގެ ރަނިން މޭޓަކު ޕީޕީއެމްއިން ހުށަޙެޅުމުގެ ފުރުސަތު އޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަންނަ ހޯމަ ދުވަހު ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު ޕީޕީއެމް ފިޔަވާ އިތުރު އެހެން ފަރާތަކުން އަދި ފޯމް ހުށަހަޅާފައެއް ނުވެއެވެ. އީސީއިން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމެވުމުން އެ މަނިކުފާނުގެ ފަރާތްފުޅުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައި މައްސަލަ ކުރިއަށްދާއިރު މާދަމާ އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.