ޕީޕީއެމްއިން ޕްލޭން ބީ އަދި ސީއާމެދު ވިސްނާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެވޭނަމަ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެމަނިކުފާނުގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު އިންތިހާބު ކޮށްފައި ވާއިރު އެއީ ޕްލޭން ބީ ކަމަށް މީގެ ކުރިން އެ ޕާޓީއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އިއްޔެ ޝަރީއަތުގެ މަޖިލީހުގައި ޕީޕީއެމްގެ ވަކީލުން ބުނީ ޕްލޭން ބީ އަކީ ޔާމީނަށް ނުލެއްވޭ ހާލަތެއްގައި އެ ޕާޓީން އިތުރު ކެންޑިޑޭޓަކު ނެރުން ކަމަށާއި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ކަނޑައެޅީ ޕްލޭން ސީ ގެ ގޮތުގައި ކަމަށެވެ.

އެކަމާ ގުޅިގެން ނައިފަރު ދާއިރަގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ "ޕްލޭން އޭ" ކަމަށް ވާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ގޮތަކަށް މައްސަލަ ނިމިގެން ދިއުން ކަމަށެވެ. "ޕްލޭން ބީ" އަކީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓެއް ނެރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ގޮތް ނެތިއްޔާ "ޕްލޭން ސީ" އަކީ ޕީއެންސީގެ ފަރާތުން ކެންޑިޑޭޓެއް ނެރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން މީޑިއާތަކުގައި އެކި ގޮތް ގޮތަށް ވާހަކަދެކެވެމުން ދަނިކޮށް ޕީޕީއެމްއިން ބުނީ ޕީއެންސީ ގެ ކެންޑިޑޭޓަކީ ޕީޕީއެމްގެ ގެ ކެންޑިޑޭޓް ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ކަމަށާއި ރާއްޖޭގައި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމްއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޕީޕީއެމްއިން ބުނީ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ތަދަހުލުވެ، ވަކާލާތު ކުރަމުން ދަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑަސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނު އަސާސީ ނުބައިކޮށް ތަތުބީގުކޮށްގެން ކަމާއި ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އީސީއަށް މައްޗަށް އަމަރު ކޮށްދިނުމަށް ކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭނަމަ ޕީޕީއެމަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ލިބިދިނުމަށްވެސް އެދިފައިވާނެ ކަމަށް ޕީޕީއެމްއިން ފާހަގަކުރެއެވެ.

ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި ޕީޕީއެމްގެ ފަރާތުން ވަނީ، ޔާމީނަށް ވާދަ ނުކުރެއްވޭ ފަދަ ހާލަތެއްގައި އެ ޕާޓީން އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތެއް ދިނުމަށް އެދިފައެވެ. އިއްޔެގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނީ، އެހެން ކެންޑިޑޭޓެއް ނެރުމުގެ ހުރަހެއް ޕީޕީއެމަށް ނެތް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށްލާފައި ވާތީ އާއި، އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.