އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް، އެމްޑީޕީގެ ޕާލިމެންޓް ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އައްޔަނު ކުރަން ނިންމައިފައި ވާކަން އެނގިއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސްގެ ރަނިންމޭޓުގެ ގޮތުގައި އަސްލަމް އައްޔަނުކޮށް، މިއަދުގެ ވަގުތެއްގައި އެކަން ރަސްމީކޮށް އިއުލާނު ކުރާނެއެވެ.
ހދ. ހަނިމާދޫގައި ހުންނަވައި، ނޫސްވެރިންނަށް މިދިޔަ ބުދަ ދުވަހު މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ބުރާސްފަތި ދުވަހު ރަނިންމޭޓަކަށް ބޭފުޅަކު އައްޔަން ކުރައްވައި، އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާނެ ކަމަށެވެ، ނަމަވެސް އެމަނިކުފާނު އެ ދުވަހު ވިދާޅުވި ގޮތަކަށް ރަނިންމޭޓު އިއުލާނެއް ނުކުރައްވައެވެ. އަދި ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައެއް ވެސް ނުވެއެވެ.
ރައީސް އެ ދުވަހު ވިދާޅުވީ، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ނަންފުޅު، ރަނިންމޭޓަކަށް އައްޔަން ކުރައްވަން ހަމަޖެހިފައިވާ ބޭފުޅުންގެ ލިސްޓުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށާއި، ގޮތް ނިންމަވާނީ އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މިކަމާ ގުޅިގެން ރައީސްގެ އިންތިހާބީ އޭޖެންޓު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް "ދަ ޕްރެސް" އިން ގުޅާތާ ތިން ދުވަސް ވީ އިރު ވެސް އޭނާ ފޯނަކަށް ޖަވާބެއް ނުދެއްވައެވެ.
ރިޔާސީ އިންތިހާބުގައި ރައީސްގެ އިތުރުން ދެން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ޔާމީނަށް ވާދަނުކުރެއްވޭ ފަދަ ހާލަތެއްގައި ޕީޕީއެމްގެ ކޯލިޝަންގައި އޮތް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އައްޔަނުކުރެއްވި އިރު، އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ ރަނިންމޭޓު މިރޭ އިއުލާނުކުރާނެ ކަމަށް އެ ޕާޓީން މީގެ ކުރިން ބުނެފައިވެއެވެ.