ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރި މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވާ އިރު މިރެއާއެކު ކުރިއަށް ގެންދާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ބުނެފިއެވެ.

ކެންޑިޑަސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މިއަދު 14:30 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ކަރަންޓް ނެތުމާއެކު ޝަރީއަތް ނުފެށި އޮތުމަށް ފަހު ފަށާފައި ވަނީ ހަވީރު 16:00 ހާއިރުއެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލަގައި ޔާމީންގެ ފަރާތްޕުޅުން އެދިފައި ވަނީ އިންތިހާބުގައި ވާދަ ކުރަން އެމަނިކުފާނުގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިއަދުގެ އަޑުއެހުން 4:00 ގައި ފަށައި ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައި ވަނީ މަޣްރިބް ނަމާދު ވަގުތަށް 18:00 ގައި އަޑުއެހުން މެދު ކަނޑާލުމަށްފަހު 18:45 ގައި ފަށާގޮތަށެވެ. އަދި އިޝާ ނަމާދަށް 19:30 ގައި އަޑުއެހުން މެދު ކަނޑާލުމަށް ފަހު 20:00 ގައި ފަށާނެ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވިދާޅުވެފައެވެ. މިއީ ދުސްތޫރީ މައްސަލައެއް ކަމުން މި މައްސަލަ ބައްލަވަމުން ގެންދަވަނީ ސުޕްރީމު ކޯޓުގެ ފުލް ބެންޗުންނެވެ. މި މައްސަލައިގެ އަޑު އެހުންތައް ސުޕްރީމް ކޯޓުން ދަނީ ލައިވް ކުރަމުންނެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ނިންމީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ކޮމިޝަނުން އެހެން ނިންމާފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.

ޔާމީންގެ ޖަލު ހުކުމް ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާ މަޑުޖެހިފައި ވާއިރު އިސްތިއުނާފު އަވަސް ކުރުމަށް އެކި ފަހަރުމަތިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް އެ މައްސަލަތައް ކޯޓުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެއެވެ. ޔާމީން އަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތުގައި ޕީޕީއެމްގެ ހިޔަނި ޕާޓީ، ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވާއިރު ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ވާދަކުރެއްވި 2 ބޭފުޅުންގެ ތެރެއިން ހޮވުނީ މާލޭ ސިޓީގެ މޭޔަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި ރ މަޑުއްވަރީ ދާއިރާގެ މަޖިލީސް މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.