ކޮވިޑް-19 ގެ ޕެންޑެމިކް އަށް ފަހު، ދުނިޔޭގެ ގިނަ ސިޓީތަކުގެ ދިރިއުޅުމުގެ ފެންވަރު އަނެއްކާވެސް ދަނީ އިތުރުވަމުންނެވެ. އޭޝިއާ، މެދުއިރުމައްޗާއި އެފްރިކާގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާއާއި ތައުލީމީ ގޮތުން ލިބުނު ކުރިއެރުންތަކުގެ ސަބަބުން މި އަދަދު އިތުރުވެފައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ކިއެވް ފަދަ ސިޓީތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުންނާއި، މަދަނީ ހަމަނުޖެހުންތަކުގެ ސަބަބުން، މުޅި ދުނިޔޭގައި ވެސް ސްޓެބިލިޓީ ނަންބަރު ދަށްވެފައި ވާ ދަނޑިވަޅެއްގައެވެ.
ތަންތަނުގެ ދިރިއުޅުމުގެ ކަންތައްތައް އޮންނަ ގޮތް ދިރާސާތަކުން އޮޅުންފިލުވޭ ނަމަވެސް، އެތަނުގައި ހަގީގަތުގައި ދިރިއުޅުމަކީ ކޮންކަހަލަ ކަމެއްތޯ އެންމެ ރަނގަޅަށް އެނގޭނީ ދުވަހުން ދުވަހަށް އެކަން ތަޖުރިބާކުރާ މީހުންނަށެވެ.
ވިއެނާ، އޮސްޓްރިއާ
އޮސްޓްރިއާގެ ވެރިރަށަކީ ލިވަބިލިޓީ އިންޑެކްސްގެ އެއް ވަނައަށް އާ ގައުމެއް ނޫނެވެ. 2021 ވަނަ އަހަރު ޕެންޑެމިކް އާ ގުޅިގެން އެ ގައުމުގެ މިއުޒިއަމްތަކާއި ރެސްޓޯރެންޓް ތަކަށް އަސަރުކުރި ނަމަވެސް، އެތަނުގެ މަގުބޫލުކަން ދަށްވެފައިވަނީ ވަރަށް ކުޑަކޮށެވެ. ހިތްހަމަޖެހުމާއި ސިއްހީ ހިދުމަތްތަކާއި ތައުލީމާއި އުމްރާނީ ތަރައްގީގެ ރޮނގުން ފުރިހަމަ މާކްސް ތަކެއް ލިބިފައިވާ ވިއެނާއަކީ އެ ތަނުގެ މަގުބޫލުކަން ހިއްސާކުރާ މައިގަނޑު ކަންތައްތައް ކަމަށް ރައްޔިތުން ބުނެއެވެ.
މިޝެލިން ސްޓާގެ ދެ ރެސްޓޯރެންޓް އާއި އެއާ ޖެހިގެން ހުރި ނެޗުރަލް ވައިން ބާގެ މެނޭޖަރު މެނުއެލާ ފިލިއްޕޫ ކިޔައިދިނެވެ. ވިއެނާގެ ހިމާޔަތްކުރެވިފައިވާ ތާރީހާއި، އިތުބާރު ކުރެވޭ އާންމު ދަތުރުފަތުރުގެ ނިޒާމާއި، ދަރިންނަށް ކުރަންޖެހޭ ހަރަދުތައް ކުޑަވުމާއި، ކެފޭތަކާއި ތިއޭޓަރުތަކަށްވެސް ފަސޭހަކަމާއެކު ވަދެވުމަކީ ވިއެނާގައި ދާއިމީކޮށް ދިރިއުޅެން ވިސްނާނަމަ ވަރަށް ފަސޭހަ ކަންކަމެވެ.
"ބައެއް ފަހަރު މާ ގިނައިން މަސައްކަތް ކުރާއިރު އަދި ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ތަނަކަށް ޗުއްޓީ ހޭދަކޮށްލަން ދާން ނުލިބޭ އިރު، އަޅުގަނޑުމެންނަށް އެކަން ފާހަގަވެސް ނުކުރެވެނީ ސިޓީގެ ބޯޑަރުތަކުގެ ތެރެއިން މިދެންނެވި ހުރިހާ ކަމަކުން އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭތީ." ފިލިއްޕޫ ބުންޏެވެ.
ހޮޓެލް ދާސް ޓިގްރާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ރެސިޑެންޓް ރިޗަޑް ވޮސް އަށް އެ ސިޓީގެ ދިރިއުޅުމުގެ ގާބިލުކަން ފާހަގަވަނީ ސަގާފީ ތާރީހާއި އެތަނުގައި ހުރި މުއްސަނދި ކުޅިވަރުތަކުންނެވެ. "ވިއެނާގައި ތަފާތު ހިތްގައިމު ތާރީހީ އިމާރާތްތައް އެބަހުރި. އޭގެ ތެރޭގައި ޝޮންބްރޫން ޕެލަސް، ހޮފްބާގް އަދި ވިއެނާ ސިޓީ ހޯލް ހިމެނޭ" އޭނާ ކިޔާދިނެވެ. "މިއުޒިކީ އާދަކާދައަށްވެސް މަޝްހޫރު މި ސިޓީގައި، މޮޒާޓް، ބީތޯވެން އަދި ސްޓްރައުސް ފަދަ މަޝްހޫރު ކޮމްޕޯޒަރުން ދިރިއުޅެ، މަސައްކަތް ކޮށްފައިވޭ." އޭނާ ބުނި ގޮތުގައި އެ ސިޓީގެ ގިނަ މިއުޒިއަމްތަކާއި ތިއޭޓަރުތަކާއި އޮޕެރާ ހައުސްތައް މެދުވެރިކޮށް މި ސަގާފީ އާދަކާދަތައް ރައްޔިތުންނަށް ފަސޭހައިން ތަޖުރިބާކުރެވޭނެއެވެ.
އަދި ވިއެނާގެ ކަލިނަރީ ހިސްޓްރީ އާއި ވައިނަ ޝްނިޓްޒެލް އަދި ސަޗަޓޯޓް ފަދަ އާދަޔާ ހިލާފު ކެއުންތައް ތަޖުރިބާކުރުމާއި، ތާޒާ ކާބޯތަކެއްޗާއި ލޯކަލް ސްޕެޝަލިޓީތައް ލިބިގަތުމަށް ނެޝްމާކްޓް ފަދަ ތަފާތު މާކެޓްތަކަށް ޒިޔާރަތްކުރުމަށް ވެސް އޭނާ ވަނީ ލަފާދީފައެވެ.
މެލްބަން، އޮސްޓްރޭލިއާ
އޮސްޓްރޭލިއާގެ ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ދިގު ލޮކްޑައުންތަކެއް ކުރިމަތިވި ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑެކްސް ދަށަށް ދިއުމަށްފަހު، މެލްބަން އާއި ސިޑްނީ ވަނީ ގަދަ 10 ގައި އަލުން ރޭންކިން (ތިން ވަނަ އަދި ހަތަރު ވަނަ) ހޯދާފައެވެ. ހާއްސަކޮށް މެލްބަން އިން ވަނީ އެ ގައުމުގެ ސަގާފަތާއި ތިމާވެށީގެ އެންމެ މަތީ ނަންބަރު ހޯދާފައެވެ.
ޑިސްއެބިލިޓީ އެޑްވޮކޭޓް އަދި ކެއާ ސޮލިއުޝަންސްގެ ފައުންޑާ އަދި ސީއީއޯ ޖޭން މޮރެލް ބުނި ގޮތުގައި މެލްބަންގައި މިފަދަ ހިތްގައިމު ކާބޯތަކެތީގެ މަންޒަރަކާއި ސަގާފީ އާޓްސް އާއި އިވެންޓްތަކާއި އެޓްރެކްޝަންތައް ހުރުމުގެ އިތުރުން އޮސްޓްރޭލިއަން ފޯމިއުލާ 1 ގްރޭންޕްރީ އާއި އޮސްޓްރޭލިއަން އޯޕަން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ކުޅިވަރުތަކާއި އިވެންޓްތައް ކުޅުމުގެ ފުރުސަތު އެބައޮތެވެ. އަދި ސީބީޑީ އާއި އަވަށްތަކުގައި ދުއްވާ ފަސޭހަ ޖަމްޕް-އޮން، ޖަމްޕް އޮފް ޓްރާމްތަކާއެކު އެ ސިޓީއަކީ ނެވިގޭޓް ކުރަން ފަސޭހަ ސިޓީއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ކެލިފޯނިއާއަށް ނިސްބަތްވާ ބްލޮގަ ކިމްމީ ކޮނަ ބުނީ މި ސިޓީ އޭނައަށް ހާއްސަވާން ދުވަސްކޮޅެއް ނެގިކަމަށެވެ. އޭނާ ދިރިއުޅެމުން އައި ސިޑްނީ ފަދަ ތަންތަނަކީ ފެންނަ އިރަށް ވަގުތުން ރީތިކަމަށް ގަބޫލުކުރެވޭ ތަންތަނެވެ. އެއާ ހިލާފަށް މެލްބަން ބޮޑަށް ފާހަގަކުރެވުނީ ސަގާފަތުގެ ސިޓީއެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ. މިހާރު އެހެން ހުރިހާ ކަމަކަށް ވުރެ އެ ސިޓީގައި ދިރިއުޅެން ހިޔާރުކުރައްވާ ކޮނަ ބުންޏެވެ. "މެލްބަންގެ ހާއްސަކަން ދެނެގަތުމަށްޓަކައި ކުދި ގޯޅިތަކުގައި ގާއިމްކޮށްފައި ހުންނަ ކުޑަ ކެފޭތަކުން ކޮފީ ތަޖުރިބާކުރުމަކީ ވަރަށް ހާއްސަ އިހުސާސެއް ގެނުވާ ކަމެއް. ސިޓީގެ އެކި ކަންކޮޅުތަކުގައި ހުންނަ މަގުބޫލު ރެސްޓޯރެންޓްތަކުން ކާ އެއްޗެހި ރަހަބަލާލުމަކީވެސް ވަރަށް ތަފާތު ތަޖުރިބާއެއް."
ސިޑްނީއަށްވުރެ މެލްބަންގެ ރައްޔިތުންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ވަރަށް ބޮޑުކަމަށް ކޮނައަށް ފާހަގަކުރެވުނު އިރު، އެ ސަބަބަށްޓަކައިވެސް މެލްބަން އަކީ ދިރިއުޅުމަށް ވަރަށް ހިތްހަމަޖެހުން ގެނުވާ ސިޓީއެއްކަމަށް އޭނާ އަށް ވަނީ ފާހަގަކުރެވިފައެވެ.
ވެންކޫވާ، ކެނެޑާ
ކެނެޑާގެ ތިން ސިޓީއެއް (ކެލްގަރީ އާއި ޓޮރޮންޓޯ ހިމެނޭ ގޮތަށް) މި އަހަރު ގަދަ ދިހައެއްގައި ހިމެނުނު ނަމަވެސް ވެންކޫވާ ވަނީ އެ ސިޓީގެ ސަގާފަތާއި ތިމާވެށީގެ ނަންބަރަށް ބަލާއިރު ފަސް ވަނައިގައި ހިމެނިފައެވެ.
"ވެންކޫވާ އިން ޖަންގަލި، ކަނޑު އަދި އުޑުމަތި ފަސޭހައިން ތަޖުރިބާކޮށްލެވޭނެ" ރެސިޑެންޓް އަދި ކުދި ވިޔަފާރީގެ ވެރިޔާ ޓޯނީ ހޯ ބުންޏެވެ. "އަޅުގަނޑުމެންގެ ޓްރާންސިޓް ސިސްޓަމްގެ ސަބަބުން ގްރޫސް މައުންޓަންގައި ހުންނަ ރީތި އިންގްލިޝް ބޭއިން ފެށިގެން ސިޓީގެ އެންމެ މަތީ ހިސާބަށް އެއް ދުވަހެއްގައި އަދި ބަހާއި ސައިކަލާއި ރޭލާއި ބޯޓުން ވެސް ދެވޭނެ." އަދި އެ ސިޓީގެ ތަފާތު ކެއުންތަކުގެ ތެރެއިން އިތިއޯޕިއާގެ އިންޖެރާ އިން ފެށިގެން ޓިބެންޓަން މޮމޯސްއާ ހަމައަށް ހުރިހާ އެއްޗެއް ވެސް ތަޖުރިބާކޮށްލެވޭނެއެވެ. ކާބޯތަކެތީގެ ސަގާފަތްތަކާއި އެ ސަގާފަތްތައް ހިއްސާކުރާ މީހުން އަބަދުވެސް ދަނީ އިތުރުވަމުންނެވެ.
ކުޑަ ކުއްޖެއްގެ ބައްޕައެއްގެ ހައިސިއްޔަތުން އޭނާ ވަނީ ސިޓީ ސެންޓަރުން 20 މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ޕާކްތަކާއި ގޮނޑުދޮށްތަކަށް ދެވޭކަންވެސް ފާހަގަކޮށްފައެވެ. "މިއީ އަހަރެންގެ ދަރިފުޅަށް މުޅި އުމުރަށްވެސް ލިބުން އަހަރެން އެދޭ ކަމެއް" ހޯ ބުންޏެވެ.
އިމިގްރޭޝަންގެ ސަޕޯޓިވް ޕޮލިސީތަކުގެ ސަބަބުން އެހެން ގައުމުތަކުގެ ވިޔަފާރިވެރިންވެސް މިތަނަށް ދަމައިގަނެއެވެ. މޮބައިލް ޕްލެޓްފޯމް ރޮކެޓްޕްލޭންގެ ސީއީއޯ ޖޯ ޓޮލްޒްމަން ބުނިގޮތުގައި ކްރޮއޭޝިއާގެ ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން އަދި ހިޖުރަވެރިއެއްގެ ހައިސިއްޔަތުން އޭނާ ހޯދަމުން ދިޔައީ ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ، އަދި ވައިބްރަންޓް އަދި ބަލައިގަންނަ ސިޓީއެކެވެ. "ވިޔަފާރިއެއް ފަށަން ވެންކޫވާ އެހާ ރަނގަޅުވާކަމަކީ މިތަނުގެ ރައްޔިތުން. ވިޔަފާރިވެރީގެ ކޮންމެ ހިސާބަކުންވެސް އެހީއަށް އެދުމުން އެކަން ތަނަވަސްކޮށްދޭ މީހުން ނުވަތަ ހިދުމަތްތައް މިތާނގައި އެބަހުރި. މިތަނުގެ ވިޔަފާރިވެރިންނަކީ ވަރަށް ބޮޑު އެއްބާރުލުމެއް ދޭ އަދި ގުޅިގެން އުޅޭ ބައެއް."
ވިޔަފާރީގެ ބޭރުން، ސިޓީގެ މަންޒަރުތަކުން އަބަދުވެސް ހިތަށް ފިނިކަން ގެނުވާކަމަށް އޭނާ ބުންޏެވެ. "ކަންކަމުން ބްރޭކެއް ނަގާ ހިތްހަމަޖައްސާލަން ބަލާއިރު އެއް ފަރާތުގައި މޫދު އޮވޭ. އަނެއްކޮޅުން މަގު ހުރަސްކޮށް ބަލާއިރު ފަރުބަދަތައް ފެނޭ." ޓޮލްޒްމަން ބުންޏެވެ.
އޮސާކާ، ޖަޕާން
އިންޑެކްސްގެ 10 ވަނައިގައި އޮތް އަދި ގަދަ ދިހައެއްގައި ހިމެނުނު އޭޝިއާގެ ހަމައެކަނި ގައުމު ކަމަށްވާ އޮސާކާ ވަނީ ސްޓެބިލިޓީ އާއި ހެލްތު ކެއާ އަދި އެޑިއުކޭޝަން ނަންބަރުގައި ފުރިހަމަ 100 ޕޮއިންޓް ހޯދާފައެވެ. ދިރިއުޅުމުގެ ހަރަދުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޭބިސީތަކުން ލިބޭ ގިނަ އާމްދަނީތަކަށް ހީނަރުކަން އަންނައިރު، އޮސާކާގެ ހަރަދުތައް ކުޑަކަމީވެސް ރަށްވެހިންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ.
"ޖަޕާނާއި ދުނިޔޭގެ އެހެން މެޓްރޯޕޮލިސްތަކާ އަޅާބަލާއިރު އޮސާކާގެ ކުއްޔަކީ އަގުބޮޑު އެއްޗެއް ނޫން" ވެންކޫވާއަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ޝަރްލީ ޒަންގް ބުންޏެވެ. "އަޅުގަނޑުގެ ކުއްޔަކީ ފެނާއި އިންޓަނެޓާއި މެއިންޓެނެންސް ފީ ހިމަނައިގެން ކޮންމެ މަހަކު ގާތްގަނޑަކަށް 700 ޑޮލަރާ އެއްވަރުގެ ކުއްޔެއް. އެޕާޓްމެންޓަކީ ކުޑަ އެޕާޓްމަންޓެއް ނަމަވެސް އެއީ އާ އަދި ސާފު އެޕާޓްމަންޓެކެވެ. ވެންކޫވާގައި މިކަހަލަ ތަނެއް ކުއްޔަށް ހިފާނަމަ 1200 ޑޮލަރަށް ވުރެ ކުޑައެއް ނުވާނެ."
ރެސްޓޯރެންޓްތަކުން ކާނަމަވެސް އަގު ހެޔޮވުމަކީ އެ ސިޓީގެ ރައްޔިތުންގެ މެދުގައި ފާހަގަކޮށްލެވޭ ކަމެކެވެ. "އިނގިރޭސިވިލާތުގައި އަހަރެން ދިރިއުޅުނު ހިސާބުގެ ރެސްޓޯރަންޓުތަކުން އެއްޗެއް ކައިފި ނަމަ، ވޮލެޓަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ. އެއާ ހިލާފަށް އޮސާކާގެ ރެސްޓޯރަންޓްތަކުން ފެންވަރުގެ ކެއުންތައް ފޯރުކޮށްދެނީ ހައިރާންކުރުވަނިވި ބަޖެޓަކާ ރައްޓެހި އަގުތަކެއްގައި" ޖޭމްސް ހިލްސް ބުންޏެވެ.
އަދި އެފަދަ ބޮޑެތި އެހެން ސިޓީތަކަށް ވުރެ އެ ސިޓީއަކީ ރައްކާތެރިކަން އިހުސާސް ކުރެވޭ ސިޓީއެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. "ރޭގަނޑުގެ ވަގުތެއްގައި ވެސް އަމިއްލައަށް ގެއަށް ހިނގާފައި ދިއުމަކީ އެއްވެސް ކަހަލަ ބިރުވެރިކަމެއް ނުވަތަ ނުރައްކަލެއް އޮތް ކަމެއް ނޫން" ޒަންގް ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާ ގެންގުޅޭ ކޮތަޅެއް ނުވަތަ ދަބަސް ވެސް ވަގަށް ނަގާފާނެކަމަށް އެއްވެސް އިރެއްގައި ކަންބޮޑުވާކަށް ނުޖެހެއެވެ.
އިތުބާރު ކުރެވޭ އާންމުންގެ ދަތުރުފަތުރުގެ ނިޒާމެއްވެސް އޮވެއެވެ. އޮސާކާ ޓޫރިޒަމް ބިއުރޯގެ މާކެޓިން ސްޕެޝަލިސްޓް ޖޮނަތަން ލޫކަސް ބުނިގޮތުގައި ސިޓީއާއި ވަށައިގެންވާ ސަރަހައްދަކީ ފުޅާ ދާއިރާއެއްގައި ރޭލު ނެޓްވޯކެއް އޮންނަ ސަރަހައްދެކެވެ. "އެއް ދުވަހަށް ސިޓީއިން ބޭރަށް ގޮސްލާ ކިޔޯޓޯ، ނާރާ އަދި ކޯބޭ ފަދަ އެހެން މަގުބޫލު ތަންތަން ބަލާލުމަކީ އަވަސް އަދި ފަސޭހަ ކަމެއް."
އޮކްލޭންޑް، ނިއުޒީލެންޑް
އޮސާކާއާ 10 ވަނައިގައި އޮތް އޮކްލޭންޑް މިދިޔަ އަހަރާ އަޅާބަލާއިރު 25 ދަރަޖަ އަށް ވުރެ މައްޗަށް އެރީ، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އަޅާފައިވާ ފިޔަވަޅުތަކާއި މެންޑޭޓްތައް މުޅިން އުވާނުލެވި، ބަލިމަޑުކަމުގެ ބަންދަށްފަހު އަލުން ހުޅުވުން ލަސްވުމުގެ ސަބަބުންނެވެ. ފުރިހަމަ ތައުލީމީ ނަންބަރުގެ އިތުރުން، އެންމެ މަތީ 10 ސިޓީގެ ތެރޭގައި ސަގާފަތާއި ތިމާވެށީގެ ނަންބަރު ވެސް އޮތީ އެ ސިޓީއަށެވެ.
"ރީތި އެކަހެރި ގޮނޑުދޮށްތަކަށް އޯކްލޭންޑްގައި ދިރިއުޅޭ ގިނަ މީހުންނަށް 20 މިނެޓުގެ ކާރު ދަތުރަކުން، ނޫންނަމަ އެޔަށްވުރެވެސް އަވަހަށް ދެވޭ." މައި މޯމެންޓްސް އެންޑް މެމޮރީސްގައި ބްލޮގް ކުރާ ރެސިޑެންޓް މޭގަން ލޯރެންސް ބުންޏެވެ. "އަޅުގަނޑުމެންގެ ދޮރުމަތީގައި ވަރަށް ހިތްގައިމު އެކުއެޓިކް ޕްލޭގްރައުންޑެއް އެބަހުރި، އޭގެ އުފަލުގައި އުޅެވޭނެ އެތައް ގޮތްތަކެއް އެބަހުރި. ހަމަ އެފަދައިން، މި ސިޓީއަކީ ގުދުރަތީ ފެހިކަމުން ފުރިފައިވާ ތަނެއް. އެއްވެސް ހާލެއްގައި ސިޓީއެއްގައި އުޅޭކަމުގެ އިހުސާސެއް ނުކުރެވޭ."
ނިއުޒިލޭންޑްގެ އެންމެ ބޮޑު ސިޓީގެ ހައިސިއްޔަތުން 2023 ވަނަ އަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕް ފަދަ ދުނިޔޭގެ ފެންވަރުގެ އިވެންޓްތަކުންވެސް ރަށްވެހިންނަށް ފައިދާ ކުރެއެވެ. "އެންމެ ފެންވަރު ރަނގަޅު ހުރިހާ ކޮންސެޓްތަކާއި ޝޯތަކާއި ކުޅިވަރު އިވެންޓްތައް އަޅުގަނޑުމެންނަށް ލިބެނީ ގޭ ދޮރުމަތިން" ގައިޑެޑް ޓްރެވަލް ކުންފުނި އޭއޭޓީ ކިންގްސްގެ ރެސިޑެންޓް ގްރެގް މެރެޓް ބުންޏެވެ.
އަދި އެ ސިޓީގެ ހިތްގައިމު ބަނދަރުގެ ރީތިކަމަށް އަލިއަޅުއްވާލައްވައި، މޫޑް ޔޮޓާއި ސޭލްބޯޓުތަކުން "ދަ ސިޓީ އޮފް ސައިލްސް" ގެ ނަމުން ނަން ދީފައިވާއިރު އޮކްލޭންޑް މެރިޓައިމް މިއުޒިއަމަށް ޒިޔާރަތްކޮށް އެ ސިޓީގެ މެރިޓައިމް ތާރީހާއި އެމެރިކާސް ކަޕްގައި ނިއުޒިލޭންޑުން ވާދަކުރި ތާރީހާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް އޭނާ ވަނީ ލަފާދީފައެވެ.
އާދަޔާ ހިލާފަށް ޒުވާން އަދި ސަގާފީ ގޮތުން ތަފާތު ގައުމެއްގެ ހައިސިއްޔަތުން ނިއުޒީލެންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކާބޯތަކެތީގެ ކެއުންތަކަށް އަހުލުވެރިވާ ގައުމަކަށް ވާތީ، ރެސްޓޯރެންޓްތަކާއި ސުޕަމާކެޓްތަކުގައި ވެސް ގިނަ ބާވަތްތައް އެބަހުރި ކަމަށް ލޯރެންސް ބުންޏެވެ. އެކަމަކު ހަގީގަތުގައި ވެސް އެ ސިޓީ އަކީ ދިރިއުޅެން ހާއްސަ ސިޓީއަކަށްވަނީ އެ ސިޓީގެ ރައްޔިތުންގެ އެކުވެރިކަމެވެ. "ގިނަ ރައްޔިތުންނަކީ އޯގާތެރި، އެހީވާން ތައްޔާރަށް ތިބި އަދި ހިނގާލަން މަގުތައް ހުރަސްކުރާއިރު އަބަދުވެސް އުފާވެރި ހެލޯއެއް ގެންގުޅޭ ބައެއް." ވަށައިގެން އަބަދުވެސް ވަނީ އެމީހުންގެ ހިނިތުންވުމާއި އޯގާތެރިކަން ކަމަށް ލޯރެންސް ބުންޏެވެ.