އދ. ބޮޑުކާށިހުރާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލްކޮށް، އެތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސަރުކާރުން 2014 ވަނަ އަހަރު މިލޭނިއަމް ކެޕިޓަލްސް ކުންފުންޏަށް 50 އަހަރަށް ކުއްޔަށް ދޫކުރި ބޮޑުކާށިހުރާގެ އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެ ރަށް އަތުލާފައި ވަނީ 2016 ވަނަ އަހަރެވެ.

ސަރުކާރުން އެތަން އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ މިލޭނިއަމް ކެޕިޓަލްސް ކުންފުނިން ހުށަހެޅި މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ބުނީ ބޮޑުކާށިހުރާ ސަރުކާރުން އަތުލީ އެ ރަށުގެ އިކުއިޒިޝަން ކޮސްޓްގެ ފައިސާ އެ ކުންފުނިން ދައްކާފައި ނުވާ ކަމަށް ބުނެއެވެ. އަދި އޮޑިޓާ ޖެނެރަލާއި ފުލުހުންނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުގައި ވެސް އެ ރަށުގެ ފައިސާ ދައުލަތަށް ލިބިފައި ނުވާ ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

މިލޭނިއަމް ކެޕިޓަލްސް ކުންފުނިން އެ ފައިސާ ދެއްކިކަން ސާބިތު ކޮށްދެވިފައި ނުވާކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން އެ ރަށް އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށްވެސް ކޯޓުގެ ހުކުމުގައި ވަނީ ބުނަފައެވެ.

މިލޭނިއަމް ކެޕިޓަލްސް އިން ވަނީ 2022 ވަނަ އަހަރުވެސް އެ ރަށް އެހެން ބަޔަކަށް ކުއްޏަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ. އެހެންނަމަވެސް އޭރު ސިވިލް ކޯޓުން ވަނީ އެ ކުންފުނިން ދައުވާ ކުރިއިރު ވެސް އެއްބަސްވުން ބާތިލް ކޮށްފައި ވާ ކަމަށާއި އެހެންކަމުން އެހެން ބަޔަކަށް އެރަށް ނުދޭން ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް އަމުރު ކޮށްފައެވެ.