ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކުރި މައްސަލައިގައި ސްޕްރީމް ކޯޓުގައި އޮންނަ އަޑުއެހުމަށް ޕީޕީއެމްއިން ތަދައްހުލް ވެއްޖެއެވެ.

އެ މައްސަލައިގެ އަޑުއެހުން މާދަމާ މެންދުރުފަހު 2:30 ތާވަލް ކޮށްފައިވާއިރު ޕީޕީއެމް އިން ބުނީ ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއީދުކުރާ އެންމެހައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށްޓަކައި އެ މައްސަލައަށް އެ ޕާޓީއިން ތަދައްހުލް ވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ އިތުރުން ސުޕްރީމް ކޯޓުގެ އެދުމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލްއިން ވެސް ވަނީ އެ މައްސަލައަށް ތަދައްހުލް ވެފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބާތިލް ކުރި މައްސަލައިގައި ސްޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް ޖަވާބުދާރީ ވުމަށް އަންގާފައި ވާއިރު މިއަދު މެންދުރުފަހު 3 ގެ ކުރިން ސްޕްރީމް ކޯޓަށް ޖަވާބު ފޯމު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަކީ ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީން މިނިވަން ވެވަޑައިގަތުމުން މެނުވީ ރައީސް ކަމަށް ވާދައެއް ނުކުރެއްވޭނެއެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކުރުމަށް އިސްތިއުނާފް މައްސަލައެއް ވެސް ހައިކޯޓަށް ހުށަހަޅައި އެ މައްސަލައިގެ 4 އަޑުއެހުމެއް ބާއްވާފައި ވީނަމަވެސް މައްސަލަ އަދި ނުނިމެއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްފައި ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުންނެވެ. އެ މައްސަލަ ލަސްވަމުން ދިއުމާއެކު، އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް މައްސަަލައެއް ވެސް ހުށަހަޅިއެވެ. އެ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައި ނުގަތުމުން ދެން ރައީސް ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާފައެވެ.

އެ ފޯމާ ގުޅިގެން އީސީން ނިންމީ ރައީސް ޔާމީންގެ ޝަތުރު ހަމަނުވާކަމަށެވެ. އެ ކޮމިޝަނުން އެހެން ބުނީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އޮތުމާއެކު ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހުއެވެ. އެ މާއްދާގައިވާ ގޮތުން، ރައީސް ކަމަށް ކުރިމަތިލެވޭ މީހަކީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެނެއް ނުވާނެއެވެ.