ރޭޕްކުރާ މީހުންނާއި ޖިންސީގޯނާކުރާ މީހުން، އެމްއެންޕީގެ ވެރިކަމެއްގައި ޖަލުން ސަލާމަތް ނުވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އަންހެނުންގެ ލީޑަޝިޕް ފޯރަމްގެ ނަމުގައި ރޭ ސަލްޓަން ޕާކުގައި ބޭއްވި އިވެންޓްގައެވެ. ރާއްޖޭގައި ޖިންސީ އަނިޔާއާއި ރޭޕްގެ މައްސަލަތަކުގެ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެއީ އެއްވެސް ވަރަކަށް ޖާގަދެއްވާނެ ކަމެއް ނޫންކަމަށާއި އޭނާގެ ވެރިކަމެއްގައި އަންހެންނަށް އެފަދަ ނޭދެވޭ އަމަލުކުރާ މީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އަދި އެމީހުން ޖަލު ގޮޅިން ސަލާމަތެއް ނުވާނެ ކަމަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ރޭޕްކުރުމާއި ޖިންސީ ގޯނާކުރުން ފަދަ ނޭދެވޭ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭނަން. އެމީހުންނަކީ ކްލެމެންސީން މަހުރޫމްވެ، އެ މީހުންނަކީ އެ ޖަލުގެ ގޮޅިން ސަލާމަތްނުވާ ބަޔަކަށް އިރާދަކުރެއްވިއްޔާ ހަދާނަން
ނާޒިމް

ރޭ ޖަލްސާގައި ތިބި އަންހެނުންނާ މުހާތަބު ކުރައްވަމުން ނާޒިމް ވިދާޅުވީ، އަންހެނުންނަކީ "ބޯން ލީޑަރުން" ކަމަށާއި އެއަށްވުރެ ބުރަ މަސައްކަތް ކުރާ ބަޔަކު ނުތިބޭނެ ކަމަށެވެ. އެއީ ތަރުތީބުކޮށް މަސައްކަތްކުރާ ބައެއް ކަމަށާއި ހެނދުނު ހޭލީންސުރެން ފެށިގެން ނިދުމާ ހަމައަށް އަންހެނުން ތިބެނީ އެމީހުންގެ ޒިންމާތައް އަދާކުރުމުގައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އަންހެނުންނަށް ހައްގުވާ މަގާމު ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށާއި އަންހެނުންގެ ހައްގުތަކަކީ ފޮތެއްގައި ލިޔެވިފައިވާ ނުވަތަ ގާނޫނުގައި ލިޔެފައި އޮވެގެން ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އެ ހައްގުތަކަކީ އިންސާފުގެ ކުރިމަތީގައި އިސް ސަފުތަކުގައި ތިބޭ ބޭފުޅުންގެ ކުރިމަތީގައި ހޯދައިދެވޭ އެއްޗެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެކަން ފިރިހެނުން ގަބޫލު ކުރަން ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އުޖާލާ ޒަމާން" މެނިފެސްޓޯގެ ދަށުން ނާޒިމް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ނާޒިމް ގެންދަނަނީ ރާއްޖޭގެ އެކި ރަށްރަށަށްވެސް ދަތުރު ކުރައްވާ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ.

ނާޒިމްގެ ރަނިންމޭޓް އިއުލާނު ކުރުން ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހުންނަ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި 8:30 ގައި އޮންނާނެ ކަމަށް އެޕާޓީން ބުނެއެވެ.