މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި ރަނިންމޭޓު ކަނޑައަޅައި، ހުކުރު ދުވަހު ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ބާކީ ހުރި ރަށްރަށަށް ވަޑައިގަތުމަށް ފަހު، މާލެ ވަޑައިގަތުމުގެ ކުރިން ހދ. ހަނިމާދޫ އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ބޮޑު ތަފާތަކުން ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އަނެއްކާ ވެސް ތަކުރާރު ކުރައްވައިފައެވެ.
ނޫސްވެރިންގެ މެދުގައި މިދުވަސްވަރު އުފެދުނު އެންމެ ބޮޑު ސުވާލަކީ ރައީސްގެ ރަނިންމޭޓުކަން ލިބިވަޑައިގަންނަވާނީ ކޮން ބޭފުޅަކަށްތޯ އާއި ރަނިންމޭޓު އިއުލާނުކުރަނީ ކޮން އިރަކުންތޯއެވެ. އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ، މިރޭ ނޫނީ މާދަން ރަނިންމޭޓު އިއުލާނުކުރައްވައި، ބުރާސްފަތި ނޫނީ ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި، ނޫނީ ވިއްޔާ ހުކުރު ދުވަހު އަޅުގަނޑުގެ ފޯމް ސަބްމިޓްކުރެވޭތޯ،"
ރަނިންމޭޓާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބު އިތުރަށް ތަފްސީލްކޮށްދެއްވައި އެމަނިކުފާނު ވިދާޅުވީ، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އެހެން ބައެއް ބޭފުޅުންގެ ނަންފުޅުތައް ވެސް އެބަހުރި ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރަނިންމޭޓު ކަނޑައަޅާނީ ކޯލިޝަންގެ މެދުގައި ކުރެވޭ މަޝްވަރާތަކަށް ފަހުގައެވެ. ރައީސް ރަނިންމޭޓަކަށް ހޮވާނެ ބޭފުޅަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެކި މީހުން ވަނީ އެކި ހިޔާލު ފާޅުކޮށްފައެވެ. ފައިސަލްގެ ބަދަލުގައި، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް، ނުވަތަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ރައީސްގެ ރަނިންމޭޓުކަން އެރުވުން އެކަށީގެންވެއެވެ.
އެކަމަކު ބެލެވޭ ގޮތުގައި ރައީސްގެ ރަނިންމޭޓަކަށް މިފަހަރު ވެސް ވާނީ ފައިސަލެވެ.