ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ލީލާ އިބްރާހިމް މަނިކު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލީލާ އެމަގާމުން އިސްތިއުފާ ދެއްވައި ހުށަހެޅުއްވި ސީޓީގައި ވިދާޅުވެފައި ވަނީ، އެހެން ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާތީ މެންބަރުކަމުން އިސްތިއުފާ ދެއްވާ ކަމަށެވެ. އެމަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ޑިމޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އައްޔަން ކޮށްފައިވާ އިލްޔާސް ލަބީބާއެކު ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އެ ގޮތުން މިހާރު އެ ޕާޓީން އަތޮޅުތަކަށް ކެމްޕެއިން ދަތުރުތައް ކުރަމުން އަންނަ އިރު، ތ. އަތޮޅަށާއި ދ. އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުތަކުގައި ލީލާ ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިއާ އެކު ކުރިއަށް ދާ މި ވަގުތު ވެސް ސިޔާސީ ބައެއް މަގާމްތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސްއާ ގުޅިވަޑަިއގަންނަވާ ތަން ފެނެއެވެ. އެ ގޮތުން ލީލާގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުމާ ވެސް ވަނީ އެ މާގުމުން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.