ޖޭޕީއިން މިއަދު ބާއްވާ ކުއްލި ބައްދަލުވުމަކީ ރިޔާސީ އިންތިހާބަށް އެ ޕާޓީއިން ނިންމާފައިވާ ގޮތް ބަދަލުކުރަން ބާއްވާ ބައްދަލުވުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު 3 ޖަހާއިރު ޖޭޕީ ކައުންސިލްގެ ކުއްލި ބައްދަލުވުން އެ ޕާޓީގެ މައި އޮފީސް ކުނޫޒްގައި ބާއްވަން ނިންމާފައިވާއިރު އެކަމާ ގުޅިގެން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާރިފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ކުލި ބައްދަލުވުންތަކާއި ކުރިއާލާ ރޭވިގެން ބާއްވާ ބައްދަލުވުންތައްވެސް އޮންނާނެ ކަމަށެވެ. އަދި މި ބައްދަލުވުމަކީ ރިޔާސީ އިންތިހާބަށް ޖޭޕީއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމެއް ނޫން ކަމަށްވެސް އާރިފް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

"ހާސްނުވޭ، ރިޔާސީ އިންތިހާބަށް ޖޭޕީއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމެއް ނޫން އެއީ"
އާރިފް

އާރިފް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެންޑިޑަސީ ފޯމު ފުރުމާއި ރަނިން މޭޓެއް ކަނޑައެޅުމުގެ މަސައްކަތްތައް ދަނީ ވަރަށް ބާރަށް ކުރިއަށް ކަމަށާއި ކުރިން އޮތް ތިނެއް ނުވަތަ ހަތަރު ދުވަހެއް ތެރޭގައި އެ މަންޒަރުތައް ފެނިގެންދާނެ ކަމަށެވެ.

ދިވެހި ރައްޔިތުންނަށް ހައްގުގައި ގާސިމަށް ވޯޓުދެއްވުމަށް އެދިވަޑައިގެން އާރިފް ވަނީ ދިވެހި ގައުމު ސަލާމަތްވާން އަންނަނީ ގާސިމް އަތް ދަށުން ކަމަށެވެ. އަދި އެހެން ބޭފުޅުން ވާނުވާ ނޭނގި ގައުމު އޮޔާ ދުއްވާލަނީ ކަމަށާއި ގާސިމަކީ ރައްޔިތުންންށް އޯގާތެރި ހިކުމަތްތެރި ބޭފުޅެއް ކަމަށް އާރިފް ވިދާޅުވިއެވެ.