ހއ. ދައްޕަރު ތަރައްގީ ނުވެ އޮތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މި އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހއ. ފިއްލަދޫ ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގުޅިފައިވާ ދައްޕަރު ތަރައްގީކުރުމަށް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ބޮޑު ޕްރޮޖެކްޓެއް ގެންނަން މަސައްކަތް ކުރެއްވި ކަމަށާއި އެހެންނަމަވެސް ކައުންސިލުން ބޭނުންވީ ކައުންސިލްގެ ދަށުން އެކަން ހިނގަން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެއާއެކު ކައުންސިލާ މަޝްވަރާކުރުމަށްފަހު އެތަން ދޫކޮށްލީ ކައުންސިލަށް ކެރިވަޑައިގަންނަވާ ގޮތަކަށް ބިޑްކޮށްގެން އެކަން ކުރުމަށް ކަމަށާއި އުންމީދުކުރައްވަނީ އެކަން ކައުންސިލްގެ ފަރާތުންކޮށް، ރަށުގެ ރައްޔިތުންނަށް އޭގެ ފައިދާ ހުރި ގޮތަކަށް ވެގެން ދިއުން ކަމަށެވެ.
2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އަސާސީ ހިދުމަތްތައް ނުލިބި ހުރި ފަރާތްތަކަށް އަސާސީ ހިދުމަތަތައް ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން ފިއްލަދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމުކޮށްދެވިއްޖެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ފިއްލަދޫއަށް ވެވަޑައިގެންނެވި ވައުދުގެ ތެރެއިން ސްޕީޑްގައި ނުދާ ކަމަކީ އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ކަމަށާއި އެ މަޝްރޫއުގެ އިދާރީ މަސައްކަތްތައް ނިމި، އަމަލީ މަސައްކަތް ފަށަންވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ފިއްލަދޫގައި އޭޓީއެމް ބެހެއްޓި، ސްކޫލްގެ ހޯލްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓާއި އާރްޓީއެލް ހިދުމަތާއެކު ލޯކަލް ޓޫރިޒަމަށް އިތުރު ވިޔަފާރިތައް އުފެދޭނެ ކަމަށާއި މިދިޔަ 3 އަހަރު ތެރޭގައި 284 ފަރާތަކަށް 523 މިލިއަން ރުފިޔާގެ ލުއި ލޯނު ޓޫރިޒަމް ގެސްޓް ހައުސް އެޅުމަށް ދޫކުރެވިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ބޭނުން ވަނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވަޒީފާތައް އުފައްދާ މުޅި އިގްތިސޯދަށް އޭގެ ފައިދާކުރުން ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ފިއްލަދޫ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރެއްގައި ގާއިމުކުރުމާއި ބަނދަރަށް ދިމާވެފައިވާ ދަތި ހައްލުކުރުމާއި ސްކޫލު ކްލާސް ރޫމް ދަތިކަމަށް ހައްލުކުރުމާއި ކުރީގެ ހުކުރު މިސްކިތް ޒަމާނީ ހުކުރު މިސްކިތަކަށް ބަދަލުކުރުމާއި ޓޫރިޒަމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅައިދިނުން މެނިފެސްޓޯގައި ހިމަނައިގެން ކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވިއެވެ.