އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައްވަން އޭރުގެ ރައީސް ޑޮނާލްޑް ޓަރަމްޕް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތާއެކު ދައުވާ އުފުލައިފިއެވެ.
45 ސޮފްހާގެ ދައުވާ ފޯމުގައި ބުނެފައި ވަނީ، އިންތިޒާމް ކުރެވިއި އޮތް ޑިމޮކްރެޓިކް އުސޫލުތައް ބަދަލުކޮށް އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަނުން މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ޓެކްސްޓް ފޯމެޓުގައި ސިސްޓަމްތެރެއަށް އެކި ކޮމާންޑް ފޮނުވައިގެން ހާސިލުކުރަން ބޭނުންވި ނަތީޖާ އަކީ ޓްރަމްގެ ވެރިކަން ދެމެހެއްޓުން ކަމަށެވެ.
އަދި އޮޅުވާލައި މަކަރު ހެދުމާ ގުޅޭ ގިނަ ތުހުމަތުތައް ވެސް ކޮށްފައި ވެއެވެ. އަދި އޭރު ނައިބު ރައީސް އަކަށް ހުންނެވި މައިކް ޕެންސް އާއި ފެޑެރަލް އޮފިޝަލުންނަށް ޕްރެޝާ ކުރައްވައިގެން އިންތިހާބުގެ ނަތިޖާ އޮޅުވާލައްވަންވެސް ޓްރަމްޕް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. މީގެ އިތުރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް ހިންގާ ގެ، ކެޕިޓޮލް އަށް އާންމުން ވައްދާ އެތަން ހޮސޯރު ކުރަން އުޅުމަކީވެސް ނަތީޖާ އޮޅުވާލުމަށް ޓްރަމްޕް އަޑީގައި ހުންނަވައިގެން ކުރެއްވި ކަމެއް ކަމަށް ވެސް ތުހުމަތު ކޮށްފައި ވެއެވެ.
މި ދައުވާތަކުގެ ތެރެއިން ބައެއް ކަންކަމަކީ ސާބިތުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަންކަމަށް ވާއިރު މި ދައުވާގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާއަށެވެ.
މި ތުހުމަތުތައް ދޮގު ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއީ މުޅިންވެސް "ފޭކް" ތުހުމަތު ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރައްވާތީ އެކަމަށް ހުރަސް އެޅުމަށް ކަމަށެވެ.
ޓްރަމްގެ މައްޗަށް މިހާރުވެސް އުފުލި ހިނގަމުން ދާ އެހެން ދައުވާއެއް އެބައޮތެވެ. އެއީ ދައުލަތުގެ ސިއްރު ލިޔެކިޔުންތައް އަމިއްލަ ގެއަށް ގެންދަވާ ފާހާނައާއި އާންމުން ވަދެ ނުކުމެ އުޅޭ ހޯލެއްގެ ސްޓޭޖް މަތީގައި ބަހައްޓާފައި ހުރުމުން ކުރާ ދައުވާއެކެވެ. އެ ދައުވާގެ އަޑުއެހުމެއް އަންނަ އަހަރުގެ މެއި މަހަށް ތާވަލް ކޮށްފައި ވެއެވެ.
ޓްރަމްޕްގެ މައްޗަށް ދައުވާތަކެއް އުފުލައި ބައެއް ޝަރީއަތްތައް ފެށިފައި ވީ ނަމަވެސް އޭނާ ގެންދަވަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ މައްޗަށް ޓްރަމްޕް ކުރި ހޯއްދަވާނެއެވެ.
އެގޮތުން ނިއުޔޯކްޓައިމްސް އާއި ސިއޭނާ ކޮލެގް ޕޮލްސް އިން ދައްކަނީ ޓްރަމްޕާ ވާދަ ކުރާ ރިޕަބްލިކަން ކެންޑިޑޭޓް ޑިސޭންޓީސް އަށް ވުރެ 37 ދަރަޖަ ކުރީގައި ޓްރަމްޕް އޮތް ކަމަށެވެ. އެހެން ކަމަށް ވާނަމަ ރިޕަބްލިކަންގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ޓްރަމްޕަށެވެ. ބައިޑަން އާއި ޓްރަމްޕް އަޅާ ކިޔާ އިރު މިވަގުތަށް ފެންނަނީ ދެ ބޭފުޅުން ދާދި ހަމަހަމަކޮށް އޮތް ކަމަށެވެ. ނަމަވެސް ބައިޑަންގެ ހާރިޖީ ސިޔާސަތާއި އެމެރިކާގެ އިގުތިސޯދީ ހާލަތު ދައްވުމާއި ވަޒީފާއާއި މާލީ ނިޒާމަށް އައި ލޮޅުންތަކާއެކު ދައްކަނީ ބައިޑަންގެ މަގުބޫލުކަން ދަށްވަމުން ދާ ތަނެވެ.