މި ސަރުކާރުގައި ނޫސްވެރިން ބަންދު ކުރުމާއި ފުލުހަށް ގެންދިއުންފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ ސަރުކާރުތަކުގައި ނޫސްވެރިން އެތައްފަހަރަކު ފުލުހަށް ގެންދިއުމުގެ އިތުރުން ޖަލަށްލާފައިވާކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގައި އެކަހަލަ އެއްވެސް ކަމެއް އެއްވެސް ނޫސްވެރިއަކަށް ކުރިމަތިވެފައި ނުވާނެ ކަމަށެވެ. އަދި ޓީވީ ޗެނަލްތަކުން ބޭނުން ވާހަކައެއް ބޭނުން ގޮތަކަށް ދައްކަމުންދާ ކަށާއި އެއްވެސް މައްސަލައެއް އެކަމުގައި ނެތް ކަމަށެވެ.

ނޫސްވެރިން ބޭނުން ގޮތަކަށް ހަބަރުތައް ގެނެސްދިން ނަމަވެސް ހަބަރުތަކުގައި ބޭނުން ކުރާ ބަހުރުވަ ބަދަލުކުރަންޖެހޭ ކަމަށާއި އާއިލާތަކާއެކީގައި ތިބޭއިރު އަޑުއަހަން ކަމުނުދާ ކަހަލަ ވާހަކަތައް ދައްކާކަން ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ. ވާހަކަ ދައްކާ ފާޑުކިޔުމުގައި ރީތި ބަހުރުވަ ބޭނުން ކުރުން ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެއްވެސް ނޫސްވެރިއަކު ބަންދުކުރަން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި ސިޔާސީ ބޭނުމެއްގައި ވެސް އެއްވެސް މީހަކު ޖަލަށްލާކަށް ބޭނުންވެޑައިނުގަންނަވާ ކަމަށެވެ. އަދި ކުރިއަށް މިއޮތް ތަނުގައި ވެސް މަސައްކަތް ކުރައްވަމުން ދާނީ އެގޮތަށް ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަަށް ކެނޑިޑޭޓެއް ކަނޑައަޅައި ނިކުތްއިރު އެމްޑީޕީގެ ލީޑާޝިޕް އެއްކޮށް ތިބީ ޖަލުގައި ކަން ރައީސް ފާހަގަކުރެއްވިއެވެ. ލީޑާޝިފް ޖަލުގައި އޮތް ނަމަވެސް ވެރިކަމަށް އާދެވުނީ ނުގުޑާފަދަ އަޒުމާއެކު ކުރި މަސައްކަތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.