އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި، އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެރެން ނިންމި ކަމަށް ބުނާ ބުނުން، އެ ކޯލިޝަނުން މިރޭ ދޮގުކޮށްފިއެވެ.

ބައެއް ނޫސްތަކުގައި ވާ ގޮތުން، ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށްޓަކައި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް ފެންނަ ނަންތަކެއް ފޮނުވުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އަންގަވާފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ އޮފީހުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ލީޑާޝިޕްގެ ބޭފުޅުން ބައްދަލުކުރެއްވި ކަމަށް ވެސް، އެ ނޫސްތަކުގައި ބުނެފައި ވެއެވެ.

ނަމަވެސް މި ހަބަރުތައް ދޮގުކުރައްވައި މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ޕީއެންސީން ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް، ވަކި ކެންޑިޑޭޓެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، ކޯލިޝަންގެ ލީޑާޝިޕުން ނިންމާފައި ވަނީ ކެންޑިޑޭޓަކާ މެދު ގޮތް ނިންމުމުގެ އިޚްތިޔާރު ރައީސް ޔާމީނަށް ދިނުމަށް ކަމަށެވެ.

މިފަދަ ނިންމުންތައް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމާނީ ރައީސް ޔާމީންގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީނަށް ވާދަނުކުރެއްވޭ ހާލަތުގައި ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރެން އުޅޭ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ، ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ދުސްތޫރީ މައްސަލައެއް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު އޮތް ގޮތުން ނަމަ، ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުމަށް ވުރެ ގާތީ ނުލިބުމެވެ. އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަން ނުވަތަ ނޫންކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމާ ގޮތަކުންނެވެ.