ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދަނިކޮށް އިދިކޮޅު ޕީޕީއެމް ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ރޭ ފުވައްމުލަކުގައި ހިނގި ކުރިމަތިލުންތަކުގައި 7 ފުލުހަަކަށް އަނިޔާވެ ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހަމަނުޖެހުން ހިނގާފައި ވަނީ މިސްކިތްމަގު އަވަށުގައި ހުންނަ މައިލޯ ސްޓޭޑިއަމް ސަރަހައްދުގައެވެ. ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ ކެފޭއެއް ކައިރީގައި ތިބި ބަޔަކު ދުރަށް ޖައްސަން ފުލުހުން މަސައްކަތް ފެށުމުންނެވެ. އަދި އެ ކެފޭގައި ތިބި ބަޔަކު ފުލުހުންނާ ދިމާލަށް ގާ އުކާފައި ވާއިރު އެ މީހުން ހުއްޓުވުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ބޭނުން ކޮށްފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ރޭ ހިނގި ހަމަނުޖެހުން ހުއްޓުވުމަށް ހަރަކާތްތެރިވި 7 ފުލުހަކަށް އެކި ވަރުގެ އަނިޔާތައް ލިބި ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އެޅުމުން 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް އޭގެ ތެރެއިން 3 މީހުން ދޫކޮށްލާފައި ވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުންވެސް ފުލުހުންނަށް އަނިޔާ ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންނާ ދިމާއަށް ކެފޭ ތެރެއިން ގާ އުކާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރު ވަމުން ދާއިރު އެހެން ވީޑިއޯއެއްގައި އެސްއޯ ފުލުހުން ޝީލްޑްތަކާއެކު އެ ކޭފޭ ތެރެއަށް ވަންނަ މަންޒަރު ވެސް ފެނެއެވެ. އަދި ވެއްޓިފައިވާ އާންމުންގެ މީހަކު ނަގައިގެން ފުލުުހުން ގެންދާ މަންޒަރު ވެސް އެހެން ވީޑިއޯއަކުން ފެނެއެވެ.

ރޭގެ ޖަލްސާ ހިނގަމުން ދިޔައިރު އެ ކެފޭގައި ތިބި އިދިކޮޅު މީހުން ގެންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އިއްޔެ ހަވީރު ރައީސް ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އެއާޕޯޓް ސަރަހައްދުގައި ވެސް މުޒާހަރާ ހޫނުވެ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. ރައީސްގެ ދަތުރުފުޅާ ގުޅިގެން ފުވައްމުލަކުގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި ވާއިރު ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ ފުވައްމުލަކުގައި ހަރަކާތްތެރި ވަމުންނެވެ.

މިކަމާ ގުޅިގެން އިދިކޮޅު މައި ޕާޓީން ރޭ ބަޔާނެއް ނެރެފައި ވާއިރުއެ ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ގޮވާ އެ ޕާޓީގެ ސަޕޯޓަރުން "ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށް އަނިޔާ ކުރުމަކީ" ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ފިނޑި އަމަލެއް ކަމަށެވެ. އަދި ސޯލިހު ވަޑައިގަންނަވާ ކޮންމެ ރަށަކަށް ފުލުހުންނާއި ސިފައިން ބަރު ހަތިޔާރާއެކު ފޮނުވާ، މި ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުން ދާ ރައްޔިތުންނަށް ބިރުދައްކާ އަނިޔާ ކުރުން ހުއްޓާލުމަށްވެސް ގޮވާލާފައި ވެއެވެ.