އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިން މޭޓް، މިރޭ ފުވައްމުލަކުގައި ބާއްވާ ކެމްޕެއިން ޖަލްސާގައި އިއުލާން ނުކުރަން ނިންމާފައިވާ ކަން އެނގިއްޖެއެވެ.

ފުވައްމުލަކުގައި މިރޭ ބާއްވާ އެމްޑީޕީގެ ޖަލްސާގައި އެ ޕާޓީގެ ރަނިން މޭޓް އިއުލާން ކުރާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ޕޯސްޓްތައް ދައުރުވަމުން ދިޔަ ނަމަވެސް އެކަން މިރޭ ނުކުރާކަން ވަނީ އެނގިފައެވެ.

ނަމަވެސް ރައީސް ސޯލިހުގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ އިރު ރަނިން މޭޓް އެނގިގެން ދާނެއެވެ.

ރައީސް ސޯލިހްގެ ރަނިން މޭޓަކަށް ހޮވާނެ ބޭފުޅަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ތަފާތު ހިޔާލުތައް މީހުން ފާޅުކުރަމުން އަންނަ އިރު، އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި، ރަނިން މޭޓަކީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި ފޮރިން މިނިސްތަރު އަބްދުﷲ ޝާހިދު ކުރެން ކޮންމެވެސް އެއް ބޭފުޅެކެވެ. ހަމައެއާއެކު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު އާއި، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް، ރައީސް ސޯލިހްގެ ރަނިން މޭޓްގެ މަގާމަށް ހޮވާފާނެ ކަމަށް ގަބޫލު ކުރާ މީހުން ވެސް ހިމެނެއެވެ.

"ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން ސޯލިހުގެ ރަނިން މޭޓަކީ މިހާރުވެސް ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް އަދި އިއުލާން ކުރުން ފަސްކުރަމުން އަންނަ މި ދަނޑިވަޅުގައި މިހާރު، ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ބައެއް ކެންޑިޑޭޓުން އަންނަނީ ރަނިންމޭޓުން އިއުލާން ކުރަމުންނެވެ.

އެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ހަމަޖައްސައި މިއަދު ވަނީ އިއުލާން ކޮށްފައެވެ. ހަމައެއާއެކު ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ރަނިން މޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަަޖައްސާކަން ވެސް ވަނީ އެނގިފައެވެ.

މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެފައިވާ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ އިތުރުން ރަނިން މޭޓް އިއުލާން ނުކުރާ ތިން ޕާޓީއެއް ހިމެނެއެވެ. އެއީ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއެވެ.