ދިވެހި ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި ގުޅިގެން އެއްބަސްވެ ވެއްޖެއެވެ.
ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔަޝީ ޔޮޝިމާސާ މިއަދު ބައްދަލުކުރައްވާފައިވާއިރު ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދާއި ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔަޝީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގާތް ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށާއި ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރައްވާފައިވާ ކަމަށެވެ.
އަދި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ ދެބޭފުޅުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ
ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް ދެގައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާ އާ ނުލައި އެތެރެވުމާއި ގުޅޭ އެއްބަސްވުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖެއަށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން އެހީތެރިވުމުގެގޮތުން ޖަޕާނުން ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް" ޕްރޮގްރާމް އަންނަ އަހަރު ވެސް ކުރިއަށްގެންދިއުމާއި ގުޅޭ އެއްބަސްވުން ވެސް ހިމެނެއެވެ.
ރާއްޖޭގެ ފަރާތުން މި ދެ އެއްބަސްވުން ބަދަލުކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ. އަދި ޖަޕާނުގެ ފަރާތުން އެއްބަސްވުންތައް ބަދަލުކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.