ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރަސްމީ ދަތުރެއްގައި ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ހަޔާޝީ ރާއްޖެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވި ދައުވަތަކަށެވެ.

މި ދަތުރުގައި ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް 90 ދުވަހުގެ މުއްދަތަށް ވިސާގެ ޝަރުތުތައް ލުއިކޮށްދިނުމުގެ އިތުރުން "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސްގެ ޑިވެލޮޕްމެންޓް ސްކޮލަޝިޕް" (ޖޭޑީއެސް)ގެ މަޝްވަރާތަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް ފަޔާ ބޯޓަކާއި އައިސީޓީ އިކުއިޕްމަންޓްތައް ދިނުމަށް ބާއްވާ ޖަލްސާގައި މިނިސްޓަރު ހަޔާޝީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އިމާރާތް ކޮށްފައިވާ ކަލާފާނު ސްކޫލަށާއި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ސީވޯލް ޓެޓްރާޕޮޑް މޮނިއުމަންޓަށް މިނިސްޓަރު ހަޔާޝީ ޒިޔާރަތް ކުރައްވާނެއެވެ.

މިނިސްޓަރު ހަޔާޝީ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.