ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ "ވަން ޕީސް" ގެ ލައިވް އެކްޝަން ސީރީޒް އަންނަ މަހުގެ ނެޓްފްލިކްސް ގައި ސްޓްރީމް ކުރަން ހަމަޖެހިއްޖެއެވެ.
އަންނަ މަހުގެ 31 ވަނަ ދުވަހު ވަން ޕީސް ގެ ލައިވް އެކްޝަންގެ ފުރަތަމަ ސީޒަން ނެޓްފްލިކްސް އަށް އަންނައިރު ވަން ޕީސް އަށް ލޯބިކުރާ ގިނަ ބަޔަކު ތިބީ ސީރީޒްގެ އިންތިޒާރުގައެވެ. "ވަން ޕީސް" މަންގާ ސީރީޒަށް ބިނާކޮށް މި ސީރީޒް އުފައްދާއިރު މި ސީރީޒް އިން ފެނިގެންދާނެ ތަރިންނަކީ އިނިއާކީ ގޮޑޯއީ (ލޫފީ) އާއި މެކެންޔޫ (ޒޯރޯ) އާއި، އެމިލީ ރަޑް (ނާމި) އާއި، ޖޭކޮބް ރޮމޭރޯ (އުސޯޕް) އަދި ޓެޒް ސްކައިލާ (ސަންޖި) އެވެ. ވަން ޕީސް" ގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 1997 ވަނަ އަހަރުއެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތި ސީރީޒް މިހާރު ވެސް ދައްކަމުން އަންނައިރު "ވަން ޕީސް" އަށް ނިސްބަތްކޮށް މިހާތަނަށް ވަނީ ޖުމްލަ 15 ފިލްމުވެސް ހަދާފައެވެ.
"ވަން ޕީސް" އަކީ އެންމެ ގިނަ މީހުން ގަތް މަންގާ (ކޮމިކް) ވެސް މެއެވެ. ޖުމްލަ 462 މިލިއަން ކޮޕީ ވިކުނު އިރު އެ ކޮމިކަކީ މިހާތަނަށް އެންމެ ގިނަ އާމްދަނީ އެއް ހޯދި ފިކްޝަނަލް ފްރެންޗައިސްއެވެ. "ވަން ޕީސް" ބިނާކޮށްފައި ވަނީ ކަނޑުފޭރޭ މީހުންގެ ވެރިއަކަށް ވުމަށް ދަތުރު ފަށާ ޒުވާން ލުފީ ނަމަކަށް ކިޔާ ކެރެކްޓާ އަކަށެވެ. އެކްޝަން، ފެންޓަސީ އަދި ކޮމެޑީ ޖޯންރާ އަށް ނިސްބަތްކޮށް އުފައްދާ "ވަން ޕީސް" ގެ ފުރަތަމަ އެޕިސޯޑު މިހާރު ވަނީ ޝޫޓްކޮށް ނިންމާލާފައެވެ. ވަން ޕީސް އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު އެނިމޭޓެޑް ސީރީޒެކެވެ. ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދާ މި އެނިމޭގައި ގިނަ އެނިމޭ ކެރެކްޓަރުން އުޅެއެވެ. ލައިވް އެކްޝަން ސީރީޒެއް ގެނެސްދޭން އުޅޭއިރު މިހާރު ވަނީ ސީރީޒްގެ ރަސްމީ ޓްރެއިލާ ވެސް އާންމުކޮށްފައެވެ. މި ޓްރެއިލާ އަށް ގިނަ ބަޔަކު ތައުރީފްކުރިއިރު އަނެއް ބަޔަކު ބުނީ ވަން ޕީސްގެ ލައިވް އެކްޝަނެއް ހެދުމުން އެނިމޭ ހަޑިވެގެން ގޮސް ވާހަކަ އޮޅޭނެ ކަމަށެވެ.