ރާއްޖޭގައި ދިރިއުޅޭ މޫނުބުރުގާ އަޅާ އަންހެނުންގެ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ އަންހެނުންގެ ހައްގުގައި އިހުތިޖާޖެއް ބާއްވައިފިއެވެ.

އެ އިހްތިޖާޖު ބާއްވާފައިވަނީ މިއަދު ހަވީރު 4:15ގައި އަލިމަސް ކާނިވާ ސަރަހައްދުގައެވެ.

އެ އިހްތިޖާޖުގެ ބައިވެރިން ވަނީ މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުދައްރިސުންގެ ހައްގުތައް ކޮބާތޯ ސުވާލުކޮށް، ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލަން ގޮވާލާފައެވެ.

މޫނުބުރުގާ އަޅާ ޓީޗަރުންގެ ހައްގުގައި އަޑު އުފުލަން އެއްވުމެއް ބާއްވާފައި ވަނީ ޓީޗަރުންގެ އާ ސުލޫކީ މިންގަނޑުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާ ނުދެވޭ ގޮތަށް ހަމަޖައްސާފައި އޮތުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައި ވެއެވެ.

ޓީޗަރުންގެ އާ އުސޫލުގެ މިންގަނޑުގައިވާ ގޮތުން އުނގަންނާ ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާ އިރު ހުންނަން ވާނ،ީ ތިމާ އަކީ ކާކުކަން އެނގޭ ގޮތަށެވެ. އަދި އެކީގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތު ކުރުމުގައި ވެސް ހުންނަން ވާނީ ކާކުކަން އެނގޭ ގޮތަށް، ސްޓާފް ކާޑު އަޅައިގެން ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވެސް މޫނު ބުރުގާއާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތަކާ ހެދި ރާއްޖޭގައި މައްސަލަތައް ބޮޑުވެފައި ވެއެވެ.