އެފްރިކާ އަށް ރަޝިއާ އިން ދޭން ބުނި ގޮދަން އެކަނި ދީގެން އަދި މައްސަލަ ހައްލުވާން ނެތް ކަމަށާއި ޔޫކްރައިންގެ ހަނގުރާމަ ވެސް ނިމެން ޖެހޭ ކަމަށް އެފްރިކަން ޔޫނިއަންގެ މިދައުރުގެ ރައީސް އަޒާލީ އައްސޯމަނީ ވިދާޅުވެއްޖެއެވެ.

ރަޝިއާ އާއި އެފްރިކާ ބައިވެރިވި 2 ދުވަހުގެ ސަމިޓުގެ ކްލޯސިން ރިމާކްސް [ފަހުބަސް]، އިއްވަވަމުން އެފްރިކަން ޔޫނިއަންގެ މިއަދުރުގެ ރައީސް ވިދާޅުވީ، ރަޝިއާއިން އެފްރިކާއަށް ގޮދަން ދޭން ބުނުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އެއީ މިހާރު ހިނގަމުންދާ ރަޝިއާ – ޔޫކްރައިންގެ މައްސަލައަށް އޮތް ހައްލު ނޫން ކަމަށާއި، ދެފަރާތުން ސުލްހަވެ ހަނގުރާމަ ހުއްޓާލުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.

ރަޝިއާގެ އެސްޓީ ޕީޓާސްބާގްގައި ބޭއްވި އެ ސަމިޓުގައި އެފްރިކާގެ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އިރު، ރަޝިއާ އާއި އެފްރިކާ އާ ދެމެދު ވިޔަފާރިއާއި އިގުތިސޯދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށާއި، އަސްކަރީ ދާއިރާއިން އިތުރު ކުރިއެރުންތައް ހޯދަން ވަނީ މަޝްވަރާ ކޮށްފައެވެ. ހަމަ އެއާއެކު ޔޫކްރައިން އާއި ރަޝިއާގެ މަގުން އެފްރިކާއަށް ބޭރުކުރާ ގޮދަނުގެ އަދަދު އިތުރުކޮށް، ކުރިއަށް އޮތް 3-4 މަހަކު 25،000 އާއި 50،000 ޓަނާ ދެމެދުގެ އަދަދެއްގެ ގޮދަން ހިލޭ ދެއްވާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިން އަކީ މުޅި ދުނިޔެއަށް ބޭނުންވާ ގޮދަނުގެ ބޮޑު ޕަސެންޓެއް އެކްސްޕޯޓް ކުރާ ގައުމަށް ވާއިރު، ހަނގުރާމަ ފެށުނު ފަހުން ޔޫކްރައިންގެ ގޮދަން ބޭރު ކުރަމުން ދަނީ ރަޝިއާ އާއި ޔޫކްރައިން އަދި އދ ހިމެނޭ ގޮތުން އެކުލަވާލި އެއްބަސްވުމެއްގެ ދަށުން މުއްދަތުތަކެއް ކަނޑައަޅާ، މުއްދަތު ހަމަވާން ގާތްވުމުން އެއްބަސްވުން އާކުރަމުން ގެންދާ ގޮތަށެވެ. ނަމަވެސް ހުސްވި ހަފްތާގައި ރަޝިއާއިން ޔޫކްރައިންގެ ގޮދަން ފެކްޓްރީތަކަށް ހަމަލާ ދިނުމާއި، ބަދަލުގައި ޔޫކްރައިން އިން ކްރިމިއާގެ ބަނދަރުތަކަށް ހަމަލާ ދިނުމުގެ ސަބަބުން، ރަޝިއާއިން ވަނީ އެ އެއްބަސްވުން ނިމުމަކަށް ގެނެސް ކަޅުކަނޑުން ހުރަސްކުރާ ކޮންމެ ބޯޓަކީ ޔޫކްރައިން އަށް ހަތިޔާރު ސަޕްލައި ކުރާ އުޅަނދެއް ކަމަށް ބަލައި ހަމަލާދޭނެ ކަމަށް ބުނެފައެވެ.

"އާނ ގޮދަން ލިބުމަކީ ރަނގަޅުކަމެއް ނަމަވެސް އެވަރަކުން އަދި ނުވޭ، ދެފަރާތް ސުލްހަވާންވެސް ޖެހޭ"
އަޒާލީ

އޭނާ އިތުރަށް ވިދާޅުވީ، ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމު ކުރުމަށް އެފްރިކާއިން ހުށަހެޅި ޕްލޭން ޕުޓިން ބަލައިގަންނަކަމާއި ދެން އޮތީ އެކަމުގައި ޔޫކްރައިން އެއްބަސް ކުރުވުން ކަމަށެވެ.

އެފްރިކާއިން ހުށަހެޅި ޕްލޭނާ ގުޅޭ ގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވީ، އެ ހުށަހެޅުން ތަފްސީލުކޮށް ބައްލަވާނެ ކަމަށާއި، ސުލްހައިގެ މަޝްވަރާއަށް އަބަދުވެސް ރަޝިއާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެކަމުގައި ދެކޮޅު ހަދަނީ ކީވް [ޔޫކްރައިންގެ ވެރިރަށް] ކަމަށާއި "މިވަގުތުގެ ހަގީގަތާ" އެކު ސުލްހައިގެ ވާހަކަތައް ފަށަން ތައްޔާރު ކަމަށެވެ. ޕުޓިން އެ ވިދާޅުވާ މިވަގުތުގެ ހަގީގަތަކީ، ރަޝިއާއިން ހިފި ޔޫކްރައިންގެ 5 ސަރަހައްދަކީ ރަޝިއާގެ ތަންތަން ކަމަށް ޔޫކްރައިނުން ގަބޫލު ކުރުމެވެ. ނަމަވެސް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، ޔޫކްރައިންގެ ބިމުގެ 5 ޕަސެންޓް [ހިފި ސަރަހައްދުތަކުގެ ބޮޑުމިން] ރަޝިއާ އަށް ދޫކޮށްލައި ސުލްހައިގެ ވާހަކަތަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ކްރިމިއާ އަކީވެސް ރަޝިއާއިން 2014 ގައި ހިފި ޔޫކްރައިންގެ ތަނެއް ކަމަށާއި 17 މަސްވީ ދިގުލީ މި ހަނގުރާމަ ހުއްޓާލަން ކުރެވޭ މަޝްވަރާތަކަށް ޖާގަ ދީ ރަޝިއާގެ ފައުޖުތައް އަލުން ރުކުރުވާލަން ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.