އިންޑިއާގެ ވެސްޓް ބެންގާލްގެ "ނޯތް 24 ޕަރަގަނާސް" އަވަށުގައި ދިރިއުޅޭ ދެމަފިރިއަކު، އިންސްޓަގްރާމުގައި ވީޑިއޯ ޕޯސްޓް ކުރަން އައިފޯނެއް ހޯދަން ވެެގެން 8 މަހުގެ ދަރިފުޅު ވިއްކާލައިފިއެވެ.

މިކަން ފަޅާއެރީ އެ ދެމަފިރިން ކޮލްކަތާގެ ގަންގާނަގަރުގެ ޕަނިހަތީގައި އުޅެމުން ދިޔަ އިރު 8 މަހުގެ ދަރިފުޅު ގޮވައިގެން އުޅުނުތަން ފެނުނު މީހުން، އެ ދަރިފުޅު ނުލައި އެ ދެމަފިރިން އުޅޭކަން ފާހަގަވެގެން ފުލުހަށް ރިޕޯޓު ކުރުމާއެކު ބެލިބެލުމުންނެވެ. އޭރު ދަރިފުޅު ނުލައި އެދެމަފިރިން އުޅޭތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ކުއްޖާގެ މަންމަ ހައްޔަރު ކޮށްފައި ވާ ކަމަށާއި ބައްޕަ ހޯދުމުގެ މަސައްކަތް ފަށާފައި ވާ ކަމަށެވެ. އިތުރަށް ބުނީ، އެ ދެމަފިރިން އިނސްޓަގްރާމްގައި ރީލް [ކުދިކުދި ވީޑިއޯ ކްލިޕް] ހަދަން ބޭނުން ވެގެން 8 މަހުގެ ދަރިފުޅު މީހަކަށް ވިއްކާލައި އައިފޯން 14 އެއް ގަނެފައިވާ ކަމަށެވެ.

"ކުއްޖާގެ މަންމަ ވަނީ އެއްބަސްވެފައި، ދަރިފުޅު ވިއްކާލާ ފޯން ގަނެގެން ދިއްގާ އަދި މަންދަރުމޯނީ ފަދަ ތަންތަނަށް ދަތުރު ކުރި ކަމަށް ބުނި"
ފުލުހުން

ދަރިފުޅު ވިއްކާލުމުގެ ހާދިސާ ހިނގާފައި ވަނީ މަހެއްހާ ދުވަސް ކުރިން ނަމަވެސް މި މައްސަލަ ފުލުހަށް ރިޕޯޓް ކުރީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި މަންމަ ހައްޔަރު ކުރެވުނު ނަމަވެސް ބައްޕަ ވީތަން ނޭނގޭތީ ހޯދުމުގެ މަސައްކަޔް ކުރިއަށް ދާ ކަމަށް ބުނެފައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުން ދާ އިރު، 8 މަހުގެ ކުއްޖާ ގަތް ދެމަފިރިންވެސް ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އެގޮތަށް ކުދިން ގަނެ ވިއްކުމަކީ ގާނޫނީ ކުށެއް ކަމަށެވެ.