މިހާރު ފެތުރެމުންދާ ވައިރަލް ރޯގާއަށް ބޭނުންވާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ.

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ފާމަސީތަކުން ބޭސްނަގާ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ، ބޭސް އެތެރެކުރަމުންދަނީ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކޮށް ރާއްޖެއަށް ބޭނުންވާނެ މިންވަރު ދެނެގަނެވި އިސްރާފުވެސް ކުޑަވާނެ ގޮތަށް ބަލައިގެން ކަަމަށެވެ.

އަދި މޫސުމީ ރޯގާތައް ފެތުރޭ ދުވަސްވަރު ދެނެގަނެ އެ ދުވަސްވަރަށް ބޭނުންވާ ވަރަށް ބޭސް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް ތައްޔާރަށް ތިބޭ ކަމަށާއި އެފަދައިން މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއަށް އާންމު ކޮށްދޭ ބޭސްތަކުގެ ޑިމާންޑް އިތުރުވެފައި ވީނަމަވެސް އެ ކުންފުނިން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އަރުވާ ކަަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ރޭން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވެފައިވާއިރު ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް ދިމާވި ސަބަބު ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ޝަތުފާ ޝަފީއު ވިދާޅުވީ ރޯގާ ފެތުރެން މެދުވެރިވާ ސަބަބު ދެނެ ގަތުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ތަހުލީލުތައް ކުރަމުންދާ ކަމަށާއި މިއަދު ހަވީރެއްހާ އިރު އޭގެ ނަތީޖާ ލިބޭނެ ކަމަށެވެ. އަދި ނަތީޖާ ލިބުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބޭރަށް ހިންގުމުގެ ރޯގާ ހަލުވިކޮށް ފެތުރޭ މި ދަނޑި ވަޅުގައި، އެކަމަށް ފަރުވާ ލިބޭ ބޭހާއި އަދި އެފަދަ އެ ނޫން ވެސް ތަކެތި ރާއްޖެއިން ހުސްވެފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ވެސް ދޮގުކުރައްވައި ޝަތުފާ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ހިސާބަކުން އެއްވެސް ކަހަލަ ބޭހެއް ހުސްވެފައި ނުވާ ކަމަށާއި އޯއާރްއެސް ލޮނު ޕެކެޓު ވެސް ހުސްނުވާ ކަމަށެވެ.

މާލެ ސަރަޙައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި އެކި ފިހާރަތަކުންނާއި ފާމަސީތަކުން އޯއާރްއެސް ލޮނު ޕެކެޓު ހުސްވި ނަމަވެސް ސްޓޮކްގައި 10،000 ވުރެ ގިނަ ޕެކެޓް އެބަހުރި ކަމަށާއި ހުސްވެފައިވާ ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮޑުލެވުމާއި ބޭރަށް ހިންގުންފަދަ ގިނަ އަލާމަތްތަކެއް ފެންނި، ގިނަ އަދަދެެއްގެ ކުދިންނާއެކު މާލޭގެ ހޮސްޕިޓަލްތައް އެމަޖެންސީ ހާލަތަށް ގޮސްފައި ވާއިރު ބައެއް މީހުން ތުހުމަތު ކުރަނީ މިހާރު ފެތުރެމުން ދާ ވައިރަލް އަކީ، ލައިފް ފެނުން ދިމާވާ ކަމެއް ކަަމަށާއި، ވައިރަލް ފެތުރެމުން ދާތާ ހަފްތާއެއް ވެއްޖެ ކަމަށެވެ. ލައިފް ފެނުގެ ވާހަކަ ފާހަގަ ކުރި ބައެއް މީހުން ވަނީ އެވާހަކަތައް ސޯޝަލްމީޑިއާ ގްރޫޕުތަކުގައި ވެސް ފާހަގަ ކޮށްފައެވެ. ނަމަވެސް އެއީ ލައިފް ފެނުން ވާކަމެއްކަން ނުވަތަ ކޮން ކަމެއްގެ ސަބަބުން ދިމާވާ ކަމެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.